ސިޔާސީ ގޮތުން އެއްވެސް މީހަކު ހައްޔަރުކޮށް އަދަބު ނުދެއްވާނެކަމަށާ އެހެންނަމަވެސް ގާނޫނޫގެ ވެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެއެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގެން ފަހުން ރައްޔިތުންގެ މަޖިލީހުގައި، ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ރައީސް ވަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމާ، އިޖްތިމާއީ އަދި ސިޔާސީ މައްސަލަތަކާއި، ރާއްޖޭގެ އިގްތިސާދާ ސިޔާދަތު ނެގެހެއްޓެވުމަށް އެ މަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ހަމަކުރައްވާފައެވެ.

މި ގޮތުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވައުދުވެވަޑައިގެންނެވީ ބަދަލުހިފުމުގެ ރޫހު ނުގެންގުޅުމަށް ކަމަށެވެ. އަދި ވެރިކަން ކުރައްވަމުން ގެންދަވަނީވެސް އެ ގޮތަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ އެ މަނިކުފާނު ކުރައްވާކަމެއް ނޫންކަމަށެވެ. އަދި ގައުމަށް ހަމަޖެހުން އަންނަން ޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ބަހާ އަމަލާ ސީދާކޮށް ގާނޫނުގެ ވެރިކަން ކަށަވަރުކުރައްވާނެކަމަށެވެ.

އިތުރަށް ރައީސް ވިދާޅުވީ އަދުލުވެރިކަމާ އެކު އިންސާފު ދައުލަތެއް ގާއިމުކުރުމަށް، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރައްވާނެ ކަމަށެވެ. އަދި އެކަން ފުރިހަމަ ކުރުމުގެ ގޮތުން ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގެ ފަހުން ޝަރުއީ ދާއިރާ ހިނގަމުން އެދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަން ސާބިތުކަމާއެކު ވިދާޅުވާންކެރޭކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ޝަރުއީ ދާއިރާއަށް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާކަން އެގިއްޖެނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެކަމަށެވެ.