ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރީރެޖިސްޓްރީ ވުމަށް މިހާތަނަށް 1257 މީހުން ހުށަހަޅައިފައިވާކަމަށް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްމާއިލް ހަބީބު ވިދާޅުވީ ރީރަޖިސްޓްރީ ކުރުމަށްޓަކައި މިހާތަނަށް 1257 ފޯމު ހުށަހަޅާފައިވާކަމަށާއި، އޭގެތެރެއިން 1060 މީހުންނަށް މިހާރު ރީރަޖިސްޓްރީ ކޮށްދީފައިވާކަމަށެވެ.

އަދި ރީރަޖިސްޓްރީ ކުރުމަށް ހުށަހެޅުމުގެ ކުރިން މިހާރު ރަޖިސްޓަރ ވެފައިވާ ތަން ޗެކު ކުރުމަށްވެސް އިސްމާއިލް ހަބީބް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އިންތިހާބަށް ރީރެޖިސްޓާ ވުމުގެ ފުރުސަތާއެކު ކުޑަކުދިންގެ ހަވީރެއްވެސް އިއްޔެ މާލޭ، އާޓިފިޝަލް ބީޗު ސަރަހައްދުގައި ވަނީ ބާއްވާފައެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ކަރުދާސް ފޯމު ބަލައިނުގަނެ، ރީރަޖިސްޓްރޭޝަން އޮންލައިންކޮށް ފުރިހަމަ ކުރާ ގޮތަށް އީސީން ވަނީ ނިންމައިފައެވެ. އެގޮތުން ކުރިން ރިޔާސީ އިންތިހާބުގައި ބޭނުންކުރި ނިޒާމުގެ އިތުރުން އީފާސް ބޭނުންކޮށްގެން ރީރެޖިސްޓާ ކުރެވޭނެ ނިޒާމު ވެސް އެ ކޮމިޝަނުން ވަނީ ހަމަޖައްސައިފައެވެ. އެއީ ފިޒިކަލްކޮށް ފޯމު ހުށަހެޅުމުން ސައްހަ ނޫން ފޯމު ހުށަހެޅުމުގެ ފުރުސަތު ބޮޑުވާނެ ކަމަށްވާތީކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ރީ-ރަޖިސްޓްރީކުރުމުގައި ދިރިއުޅޭ ރަށް ނޫން އެހެން ތަންތަނަށް ރަޖިސްޓްރީކުރާ މައްސަލަ އާއި ސައްހަ ނޫން ފޯމު ހުށަހަޅާ މައްސަލަވަނީ ފެންމަތިވެފައެވެ.