ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީގައި ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި ބޮޑު ތަފާތަކުން ނަޒްރާ ނަސީމް ކާމިޔާބު ކޮށްފިއެވެ.

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އަދި ރައީސް ސޯލިހްގެ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ މި އިންތިހާބު ކާމިޔާބުކޮށްފައި ވަނީ އިންތިހާބުގައި ދޫޑިގަން، ލިވައިސް، އަބްދުﷲ އަފީފް އާއި ވާދަކޮށް 434 ވޯޓު ހޯއްދަވައިގެންނެވެ. މި އިންތިހާބުގައި ނަޒްރާ އާއި ވާދަކުރެއްވި އަބްދުﷲ އަފީފް އަށް ލިބިފައިވަނީ 70 ވޯޓެވެ.

- ނަޒްރާ ނަސީމް

މާލޭގައި ބެހެއްޓި ވޯޓު ފޮށިން 132 ވޯޓު

ފުވައްމުލަކުގައި ބެހެއްޓި ވޯޓުފޮށިން 302 ވޯޓު

- އަބްދުﷲ އަފީފް

މާލޭގައި ބެހެއްޓި ވޯޓު ފޮށިން 17 ވޯޓު

ފުވައްމުލަކުން ލިބުނު 53 ވޯޓު

ރައީސް ސޯލިހްގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް އެކްޒެކެޓިވް ޓު ވައިސް ޕްރެޒިޑެންޓްގެ މަގާމު ވެސް ފުރައްވައިފައިވާ ނަޒްރާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވައިފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ފިރިކަލުން އަހްމަދު މަހްލޫފު ޖަލަށް ލެއްވުމާ ހަމައަށްވެސް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެފައި ނުވާ ނަޒްރާ އެންމެ ފުރަތަމަ ސިޔާސީ ގޮތުން ފެނިގެން ދިޔައީ މަހްލޫފުގެ ދިފާއުގައި ނިކުމެ ވަކާލާތު ކުރައްވަން އުޅުއްވުމުގެ ތެރެއިންނެވެ.