ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ބޭރުގެ އެއްވެސް ގައުމަކަށް ވަދެވިގެން ނުވާނެކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ކުރިއަށްގެންދާ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވަނީ މަސް ދޯންޏަށް ބޭރުގެ ސިފައިން އެރި މައްސަލަ އާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ.
މި ގޮތުން ރައީސް ސޯލިހް ވަނީ ހުއްދައާ ނުލައި އެއްވެސް ގައުމެއްގެ ސިފައިންނަށް ނުވަތަ ބަޔަކު ރާއްޖޭގެ ސަހަރައްދައް ވަނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުކަމެއް ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް އެކަން ހިނގާފައިވާ ގޮތް ބަލާ، ތަހުގީގުކޮށް އެކަމުގެ ތަފްސީލު ހާމަކުރުމަކީ މިކަމާ ހަވާލުވެ ތިއްބެވި ބޭފުޅުން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ މި މައްސަލާގައި އިންޑިއާއަށް ޝަކުވާ ހުށަހަޅާ ދެވަނަ ފަހަރަށް މިފަދަ މައްސަލައެއް ދިމާވިޔަނުދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަން ޖެހޭނެ ކަމަށެވެ. "އެކަން އެގޮތަށް ހިނގާފައިވާކަމަށްވާ ނަމަ، ވަރަށް ގޯސްކޮށް ހިނގާފައި އޮތް ކަމެއް. އެއްވެސް ގައުމަކުން އެހެން އެއްވެސް ގައުމުގެ ސަރަހައްދަށް ވަދެގެން ނުވާނެ." ރައީސް ސޯލިހު ވިދާޅުވިއެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ ބުދަ ދުވަހު އިންޑިއާގެ ސިފައިން އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށް އަރާފައިވާއިރު ރޭގެ ވަގުތެއްގައި އަނެއްކާވެސް މާހޯރަ-3 އަކަށް ސިފައިން އަރާފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އިންޑިޔާ ސިފައިން ރާއްޖޭގެ ތިން މަސްދޯންޏަކަށް ހަތިޔާރާއެކު އެރި މައްސަލަ ބަލަމުން އަންނައިރު އެމްއެންޑީއެފް އިން ބުނީ ރާއްޖޭގެ އީއީޒެޑް ސަރަހައްދުގެ ސެކިއުރިޓީ މިހާރު ބަލަހައްޓަމުން އަންނަކަމަށެވެ.