އަންނަ މާޗު މަހު 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓް ހޮވުމަށް ބޭއްވުނު އެ ޕާޓީގެ ޕްރައިމަރީ މުހައްމަދު ސައިފު ފާތިހު އަދި ހުސައިން ފިރުޝާން ކާމިޔާބު ކޮށްފިއެވެ.

މާލޭ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު މުޙައްމަދު ސައިފް ފާތިހު، ކުރިމަތިލާފައި ވަނީ ހެންވޭރު ދެކުނު ދާއިރާއަށެވެ. 15 ވޯޓާ އެކު މި ޓިކެޓު ސައިފު ކާމިޔާބު ކުރި އިރު ދެން ވާދަކުރި އަހުމަދު އަސްވަނަށް ލިބިފައިވަނީ 12 ވޯޓެވެ. މި ދާއިރާއަށް ވޯޓު ލުމުގެ ހައްގު 42 މީހަކަށް ލިބިފައި ވެއެވެ.

ދަ ޑިމޮކްރެޓްސް ގެ ފަރާތުން ދެން ޕްރައިމަރީގައި ވާދަކުރީ ހުޅުމާލެ ދެކުނު ދާއިރާއަށެވެ. އެއީ ހުސައިން ފިރުޝާނުގެ އިތުރުން ހަސަން އަގީލާއި މުހައްމަދު ފައިސަލެވެ. ފިރުޝާން މި ޓިކެޓު ކާމިޔާބު ކޮށްފައިވަނީ 74 ވޯޓާއެކުއެވެ. އަގީލަށް ލިބިފައިވަނީ 27 ވޯޓު އަދި ފައިސަލަށް ލިބިފައިވަނީ 26 ވޯޓެވެ.

މިއަދު ހެނދުނު 9 އިން ހަވީރު 5 ޖެހުމުގެ ނިޔަލަށް ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީ ކުރިއަށް ދިޔައިރު ޑިމޮކްރެޓްސްގެ އިތުރުން އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ވެސް އޮތީ މިއަދުއެވެ.

ދަ ޑިމޮކްރެޓްސްއާއި އެމްޑީޕީގެ ޕްރައިމަރީ މިއަދު ކުރިއަށް ގެންދާއިރު ސަރުކާރު ހިއްސާވާ، ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ މިދިޔަ ހޮނިހިރު ދުވަހު ވަނީ ކުރިއަށްގެންގޮސްފައެވެ.