އދ. ދިގުރަށުގައި، މިދިޔަ މަހު 3 ވަނަ ދުވަހު ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖާ ވިހޭ އިރު މަރު ނުވާކަން ހާމަވެއްޖެއެވެ.
ހިރަންޏާ ކުމުދުމާލި ޑި އަލްވިސް ނަމަކަށް ކިޔުނު ސްރީލަންކާގެ އަންހެނެއް، މި ކުއްޖާ ވިހެއީ ފާހާނާއެއްގެ ތެރޭގައެވެ. އަދި ވިހެއުމަށް ފަހު ކޮތަޅަކަށް ލައިގެން ގެންގޮސް އެރަށުގެ ކުނި ގޮނޑަށް ވަނީ އެއްލާލާފައެވެ. މި އަންހެނާ ހައްޔަރު ކޮށްފައި ވަނީ ސްރީލަންކާ އަށް ދިއުމަށް އެއާޕޯޓުގައި ހުއްޓައެވެ.
މި ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ޑިސެމްބަރު 16 ވަނަ ދުހު އިންޑިއާއަށް ގެންގޮސް، ޑިސެމްބަރު 22 ވަނަ ދުހު ވަނީ އަލުން މާލެ ގެނެސްފައެވެ.
މި ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއިން ހާމަވާ ގޮތުގައި ކުއްޖާ ވިހޭ އިރު ފުރާނަ ހުއްޓެވެ. ޕޯސްޓް މޯޓަމްގެ ދާއިމީ ނަތީޖާއިން ކުއްޖާ މަރުވި އަސްލު ސަބަބު އެނގޭނެއެވެ.
ދިގުރަށު ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި ކުއްޖާ ފެނުނު އިރުވެސް އޮތީ މަރުވެފައެވެ. މި މައްސަލައިގައި މި ކުއްޖާގެ މަންމަގެ މައްޗަށް ޕީޖީ އޮފީހުން ވަނީ 3 ދައުވާއެއް އުފުލާފައެވެ. އެއީ:
- އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ
- ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ކުށުގެ ދައުވާ
- އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާ
މި ދައުވާތައް ސާބިތު ވެއްޖެނަމަ އޭނާގެ މައްޗަށް 13 އަހަރާއި 28 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި އެ އަންހެން މީހާ ބަލިވެ އިނީއްސުރެ ކުއްޖާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައެއް ނުވެއެވެ. އަދި ކުއްޖާގެ ހަށިގަނޑު އެއްލާލައި، ކުއްޖާގެ ފުރާނައަށް ގެއްލުންވާނެހެން ކުއްޖާއާމެދު އަމަލުކޮށް، ކުއްޖާ މަރާލާފައިވާކަމަށްވެސް ބުނެފައިވެއެވެ.