އުމުރުން 38 އަހަރުގެ ހަނާދީ ގަމާލް ސާއިދު އެލް ޖަމާރާ ބުނި ގޮތުގައި އޭނާގެ ދަރިންނަށް ދިމާވެފައިވާ ބަނޑުހައިހޫނު ކަމުގެ މަތިން ހަނދާން ނައްތާލަނީ ނިދައިގެންނެވެ. ހަތް ކުދިންގެ މަންމަ ކާއެއްޗެއް ހޯދުމަށް މިހާރު މަސައްކަތް ކުރަނީ ރަފާހުގެ ޗަކަ މަގުތަކުގައި ސަލާން ޖަހައިގެންނެވެ.

ކެންސަރާއި ހަކުރު ބަލީގެ ބަލި ހުންނަ ފިރިމީހާއަށް ހިދުމަތް ކޮށްދެމުން، ދުވާލަކު އެއް ފަހަރު ނަމަވެސް ދަރިންނަށް ކާ އެއްޗެއް ހޯދޭތޭ މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ.

"މިހާރު ދަރިން ތިބީ ބަލިކަށިވެފައި. އަބަދުވެސް ތިބެނީ ބޭރަށް ހިނގާ ބަލި ޖެހިފައި. އެކުދިންގެ މޫނުތައް އަބަދުވެސް ހުންނަނީ ރީނދޫވެފައި." ގާޒާގެ އުތުރުން ގެދޮރު ގެއްލުނު އެލް ޖަމާރާ ކިޔައިދިނެވެ. "އަހަރެންގެ 17 އަހަރުގެ އަންހެން ދަރިފުޅު ބުނަނީ ބޯ އަނބުރާފަ ހުންނަ ކަމަށް. ފިރިމީހާ އުޅެނީ ނުކައި."

ގާޒާގައި ބަނޑުހައި ހޫނުކަމުގެ މައްސަލަ ކަންބޮޑުވާ މިންވަރަށް ބޮޑުވެފައިވާއިރު، ގާޒާގެ މައިންބަފައިން ބުނަނީ އެމީހުން ނުކައި ހުސް ބަނޑާ ތިބެނީ ދަރިންނަށް ކާން ލިބޭ އެއްޗެހިވެސް މަދު ކަމުންނެވެ. ފަލަސްތީނު މީހުންނަށް ލިބޭ ފެނަކީ ވެސް ތަގައްޔަރުވެފައިވާ ފެނެވެ. އެހީ ގެންނަ ޓްރަކްތައް ފަލަސްތީނަށް ވަންނަ އިރު އެތަނުގެ މީހުން އެތަނަކަށް އެއްތަންވެ ސަލާން ޖަހަނީ އެހީ ލިބޭތޯއެވެ. އިޒްރޭލުގެ ހަމަލާތަކުގައި ގެދޮރު ގެއްލުނު ކުޑަކުދިން ދިރިއުޅެމުން އަންނަނީ މަގުމަތީގައެވެ. އަނެއް ބައި މީހުން ކާ އެއްޗެއް ހޯދަން ދުވާލު އެތައް ގަޑިއިރެއް ވަންދެން ފިނީގައި ހިނގަނީ އިޒްރޭލުން ދީފާނެ ހަމަލާއެއްގެ ނުރައްކާއާ އެކުއެވެ.

ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)ގެ ޗީފް އިކޮނޮމިސްޓް އާރިފް ހުސައިން ވިދާޅުވީ ހަނގުރާމައިގެ ކުރިން ވެސް ގާޒާގެ ކޮންމެ ތިން މީހަކުން ދެ މީހަކު ބަރޯސާވެފައި ވަނީ ކާބޯތަކެތީގެ އެހީއަށް ކަމަށެވެ. އިޒްރޭލާއި މިސްރުން އަޅާފައިވާ ފިޔަވަޅުތަކާ ފަލަސްތީނު ރައްޔިތުން ކުރިމަތިލަމުން އަންނަތާ 17 އަހަރު ވެއްޖެއެވެ.

އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ އެންޑް ނިއުޓްރިޝަން ފޭސް ކްލެސިފިކޭޝަން (އައިޕީސީ) އިން ބުނާ ގޮތުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދިން ހަމަލާތަކާއި އެހީ ވެއްދުން ހުއްޓުވުމުގެ ސަބަބުން ގާޒާއަށް ބޭނުންވާ ޒަރޫރީ ސާމާނު ވަރަށް ބޮޑަށް މަދުވެ، ގާތްގަނޑަކަށް 2.2 މިލިއަން މީހުންގެ މުޅި އާބާދީ އަށް ކާބޯތަކެތީގެ ނުރައްކާތެރިކަން ވަނީ ކުރިމަތިވެފައެވެ. އދ.ގެ އިމަޖެންސީ ރިލީފް ޗީފް މާޓިން ގްރިފިތުސް ވިދާޅުވީ ބަނޑުހައިހޫނުކަމުގެ ނުރައްކާ އޮތް ކަމަށް އދގެ އިދާރާތަކުން ފާހަގަކޮށްފައިވާ 400،000 ގާޒާގެ މީހުންގެ ތެރެއިން ބޮޑު އަގުލަބިއްޔަތެއް ތިބީ ބަނޑުހައިހޫނުކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ހިސާބުގައި ކަމަށެވެ. އދގެ އިންސާނީ ހައްގުތަކާ ބެހޭ މާހިރުން ވަނީ އިޒްރޭލުން ގާޒާގެ ކާބޯތަކެތީގެ ނިޒާމަށް ހުރަސް އަޅައި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި ކާބޯތަކެތި ބޭނުންކުރަމުންދާ ކަމުގެ އިންޒާރު ދީފައެވެ.

ފާއިތުވި 100 ދުވަހުގެ ތެރޭގައި ގާޒާގެ ރައްޔިތުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، އަވަށްތައް ފުނޑުފުނޑުވެ، ހަނގުރާމައިގެ ސަބަބުން މުޅި އާއިލާތައް ގެއްލުމާއި، ނުރައްކާތެރި ބަލިތައް އިތުރުވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިހާރު ދިމާވެފައިވާ ބަނޑުހައިހޫނުކަމާއި ޑީހައިޑްރޭޝަން އަކީ އެމީހުންގެ ދިރިހުރުމަށް ނުރައްކާ ބޮޑުވެފައިވާ ކަމެކެވެ.

"މަޑުމަޑުން އަހަރެމެން މިދަނީ މަރުވަމުން." ޖަމާރާ ކިޔައިދިނެވެ. "އަހަންނަށް ހީވަނީ ބޮންތަކުން މަރުވުން މާ ރަނގަޅު ހެން. އެންމެ ކުޑަމިނުން އަހަރެމެން ނިމިގެން ދާނީ ޝަހީދުންގެ ގޮތުގައި. އެކަމަކު މިހާރު އަހަރެމެން މަރުވަމުން މިދަނީ ބަނޑުހައިހޫނުކަމުގެ ސަބަބުން."

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން ދިން ހަމަލާތަކަށްފަހު އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 26،637 މީހުން ޝަހީދުވެ، 65،387 މީހުން ޒަހަމްވެފައިވާ ކަމަށް ހަމާސްގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ހަމަލާދޭން ފަށާފައި މިވަނީ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާތަކުގައި 1200 އަށް ވުރެ ގިނަ މީހުން މަރާލުން ކަމަށް އިޒްރޭލުން ބުނެއެވެ.

ގާޒާގެ އުތުރުގެ ރައްޔިތުން ދިރިހުރުމަށް ކަނީ ވިނަ

ރަފާހުއަށް ބަދަލުވި ފިޒިކަލް ތެރަޕިސްޓެއް ކަމަށްވާ މުހައްމަދު ހަމޫދާ ހަނދާންވަނީ އޭނާގެ އެކުވެރިޔާ އޮޑެހް އަލް ހައު އޭނާގެ އާއިލާއަށް ފެން ހޯދުމަށް ނުކުމެ އުޅެނިކޮށް ޝަހީދުކޮށްލި ދުވަހެވެ.

ހަމޫދާ ބުނީ ގާޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕްގެ ވޯޓާ ސްޓޭޝަނެއްގައި އަލް ހައު ކިޔޫގައި ހުރި އިރު، އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކުގައި އޭނާ އާއި އިތުރު އެތައް ބަޔަކު ޝަހީދުވެފައިވާ ކަމަށެވެ.

"ހިތާމައަކީ ވަރަށް ގިނަ ގާތް ތިމާގެ މީހުންނާއި ރަހުމަތްތެރިން އަދިވެސް ތިބީ ގާޒާގެ އުތުރުގައި، ވަރަށް ބޮޑު ތަކުލީފެއް ތަހައްމަލު ކުރަމުން." ތިން ކުދިންގެ ބައްޕައެއް ކަމަށްވާ ހަމޫދާ ކިޔައިދިނެވެ. "އެމީހުން ކަނީ ވިނަ. ބޮނީ ތަގައްޔަރުވެފައިވާ ފެން."

އިޒްރޭލުން ގާޒާއަށް ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ބައެއް ބިންތައް ހަލާކުވެފައިވާއިރު، އޭގެ ތެރޭގައި ގާޒާ ސިޓީގައި ހުންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕް ވެސް ހިމެނޭ

ފަލަސްތީނަށް އެހީ ފޯރުކޮށްދިނުމަށް އިޒްރޭލުން ހުރަސް އެޅުމުގެ ސަބަބުން ކާބޯތަކެތި ލިބޭ މިންވަރު އިންތިހާއަށް ދަށްވެ، އެއްޗެހީގެ އަގު އުފުލި، ކާބޯތަކެތި ހޯދުމަށް ގިނަ ބަޔަކަށް ވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައެވެ. ހަނގުރާމައިގެ ކުރީކޮޅު އިޒްރޭލުން އަސްކަރީ ހަމަލާތައް ދިން އުތުރުގެ ސަރަހައްދުތަކުގައި ބަނޑުހައިހޫނުކަމުގެ ދަތިކަން މިއަށްވުރެ ވެސް ގޯސްކަމަށް އދއިން ބުނެއެވެ. މުވާސަލާތީ ހިދުމަތްތައް ކަނޑާލުމުން އެ ސަރަހައްދުގައި ބަނޑުހައިހޫނުކަމާއި ޑީހައިޑްރޭޝަންއާ ބެހޭ ގޮތުން ރިޕޯޓް ކުރުމަށް ކުރާ މަސައްކަތަށް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ.

ހަމޫދާ ބުނީ ބަނޑުހައިހޫނު ކަމުގެ ސަބަބުން މިދިޔަ ޖަނަވަރީ މަހުގެ ކުރީކޮޅު ހިމާރެއްވެސް ކަތިލައިގެން އޭގެ މަސް ކާން ބަޔަކަށް މަޖުބޫރުވިކަމަށެވެ.

ގާޒާގައި ހުންނަ އދގެ ޕްރައިމަރީ އެޖެންސީ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (ޔޫއެންއާރްޑަބްލިއުއޭ) އަށް ހުޅަނގުގެ ބައެއް ގައުމުތަކުން ދޭ ފައިސާ ހުއްޓާލުމުން އިންސާނީ ހައްގުތަކަށް ކުރާ މަސައްކަތްތަކަށް ބޮޑު ހީނަރުކަމެއް ވަނީ އައިސްފައެވެ. މިފިޔަވަޅު އެޅީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ދިން ހަމަލާތަކުގައި އެ އެޖެންސީގެ ބައެއް މުވައްޒަފުން ބައިވެރިވި ކަމަށް އިޒްރޭލުން ބުނުމާ ގުޅިގެންނެވެ. އެ ތުހުމަތުތަކާ ގުޅިގެން އދ އިން ވަނީ ބައެއް ފަރާތްތަކުން ވަޒީފާއިން ވަކިކޮށްފައެވެ.

އުރުދުންގެ ހާރިޖީ ވަޒީރު ވަނީ ޔޫއެންއާރުޑަބްލިއުއޭއަކީ ގާޒާގައި ތިބި ފަލަސްތީނުގެ ދެ މިލިއަނަށްވުރެ ގިނަ މީހުން ބަރޯސާވާ އެޖެންސީއެއް ކަމަށާއި އެ އެޖެންސީގެ 13،000 މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒަފުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެ އެޖެންސީއަށް އަދަބު ދީގެން ނުވާނެ ކަމަށް ވިދާޅުވެ، ފަންޑިން މެދުކަނޑާލި ގައުމުތަކުން އަލުން މުރާޖައާ ކުރުމަށް ގޮވާލައްވާފައެވެ.

"ސާފު ފެނެއް ނެތް"

ޖީހާން އެލް ބާޒް އޭނާގެ ދަރިންނާއި މާމަދަރިންނަށް ކާ އެއްޗެއް ހޯދުމަށް ކަކޫ ޖަހައިގެން ސަލާން ޖަހައެވެ.

"ހިޔާތަކުގައި އެކަށީގެންވާ ވަރަށް ކާއެއްޗެހި ނުލިބޭ. އިރު އޮއްސިގެން ދާއިރުވެސް މުޅި ދުވަހު ތިބެން ޖެހޭ ބަނޑަށް ކާއެއްޗެއް ނުލާ." ރަފާހުގައި ޓެންޓެއްގެ ތެރޭގައި ގާތްތިމާގެ 10 މީހުންނާއެކު ދިރިއުޅެމުން އަންނަ އެލް ބާޒް ބުންޏެވެ.

"ބޯނެ އެއްޗެއް ނުލިބޭ. ސާފު ފެނެއް ނުލިބޭ. ފާހަނަތައް ވެސް ވަނީ ވަރަށް ނުތާހިރުވެފައި. ދަރިން ރޮނީ ކާ އެއްޗެހި ނުލިބޭތީ. އެކުދިންނަށް ދޭނެ ބިސްކޯދެއް ހާތަންވެސް އަހަރެމެންނަށް ހޯދައެއް ނުދެވޭ."

ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ގާޒާގެ ދެކުނުގައި އޮންނަ ރަފާހުގެ ޑިސްޕްލޭސްމަންޓް ކޭމްޕްގެ ޓެންޓެއްގެ ތެރޭގައި ތުއްތު ޔަތީމު ކުދިން ކަމަށްވާ ހޫރު (ވާތްފަރާތުގައި) އަދި ކަނާން (ކަނާތްފަރާތުގައި) ހިޔާވަހިކަން ހޯދަނީ

ގާޒާގެ 1.3 މިލިއަނަށްވުރެ ގިނަ މީހުން އެމީހުންގެ ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވެފައިވާ ކަމަށް އޯސީއެޗްއޭއިން ރިޕޯޓްކުރި ރަފާހުގައި ގެދޮރު ގެއްލިފައިވާ ބެލެނިވެރިން ވަނީ ބޮމުގެ ހަމަލާތަކުން ދަރިން ސަލާމަތް ނުކުރެވުމުގެ އިތުރު ނުތަނަވަސްކަން ފާޅުކޮށްފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ އިޒްރޭލުގެ އެންގުމަށް ގެދޮރު ދޫކޮށް ރަފާހުއަށް ދިއުމުން ވެސް އެތަނުގައި ކާ އެއްޗެއް ހޯދުމަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުންނެވެ. ކަރަންޓު ނުލިބޭތީ ކާ އެއްޗެހި ތާޒާކޮށް ފްރިޖަށް ލާފައެއް ނުބެހެއްޓެއެވެ. ރެފިއުޖީ ކޭމްޕުތަކުގައި މީހުން ތޮއްޖެހިފައިވާއިރު، ސާފުތާހިރުކަމެއް ނެތެވެ.

"ފިނި މޫސުމުގައި ފިނިން ސަލާމަތް ވުމަށް ގަސްތައް ބުރިކުރުމަށް މީހުންނަށް ވަނީ މަޖުބޫރުވެފައި. އެގަސްތައް ބުރިކޮށްގެން އޭގައި ރޯކޮށްގެން ހޫނު ކުރަނީ ވެސް ކައްކަނީ ވެސް. މެހިތަކާއި އެއްޗެހި ގިނަވެގެން ވަރަށް ގިނަ ބަލިތައް ވެސް ހަލުވިކަމާއެކު އެބަ ފެތުރޭ." އޭނާގެ ބެލުމުގެ ދަށުގައި ތިބި 40 މީހުންނާއެކު ދެކުނުން ފިލި ގާޒާ ސިޓީގެ ޔަތީމު ހާނާއެއްގެ ޑިރެކްޓަރު ހަޒީމް ސައީދު އަލް ނައިޒީ ބުންޏެވެ. ނައިޒީ ބުނީ އެ ޔަތީމު ހާނާގައި ގިނައީ ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންނާއި ތުއްތު ކުދިންނެވެ.

ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ގާޒާގެ ދެކުނުގައި އޮންނަ ރަފާހުގެ މަގުމަތީގައި ގެދޮރު ގެއްލުނު މީހަކު ރޮށި ފިހަނީ

ގެދޮރު ގެއްލުނު ސިއްހީ ހިދުމަތްތެރިޔާ ހަމޫދާ މި ހަނގުރާމައިގެ ކުރިން އޭނާގެ ދަރިންނަށް ކާންދެމުން އައީ މޭވާ އާއި ތަރުކާރީ އާއި ބިސްކޯދާއި ތާޒާ ޖޫހާއި މަސް އަދި ސީފުޑް އެވެ. ނަމަވެސް މި ހަނގުރާމަ ފެށުނު ފަހުން ދުވާލަކު އެއްފަހަރުވެސް ރަނގަޅު ކެއުމެއް ނުކެވޭ ކަމަށް އޭނާ ބުންޏެވެ.

"ކާބޯތަކެއްޗާއި ފެން ހޯދުމަށް ކުޑަކުދިން އެކަކު އަނެކަކާ މެދު ހަރުކަށި އަމަލުތައް ހިންގަނީ." އަބޫ ޔޫސުފް އަލް ނައްޖާރު ހޮސްޕިޓަލުގައި މަސައްކަތް ކުރާ އަދި ކައިރީގައި ހުރި ހިޔާއެއްގައި ވޮލަންޓިއަ މަސައްކަތް ކުރާ ހަމޫދާ ބުންޏެވެ. "މިވާހަކަތައް ދައްކާއިރު ކަރުނަތައް އޮހޮރުން ނުހުއްޓޭ. ސަބަބަކީ ދަރިންނާއި އެހެން ކުދިން ބަނޑުހައިވެގެން އުޅޭތަން ފެނުމަކީ ވަރަށް ހިތާމަކުރާ ކަމެއް."

ގާޒާގެ ފަސް އަހަރުން ދަށުގެ 350،000 ކުދިންނަކީ ވަރަށް ބޮޑަށް މަލްނިއުޓްރިޝަންގެ ޝިކާރައަކަށްވެފައިވާ ކުދިން ކަމަށް ޔުނިސެފުން މިދިޔަ މަހު ވަނީ ބުނެފައެވެ.

މަރުވުމުގެ ނުރައްކާ ބޮޑުވުން

ގާޒާއަށް ކުރިމަތިވެފައިވާ ކާރިސާގެ ސަބަބުން ކުޑަ ކުދިންނަށް ދިގު މުއްދަތަކަށް ސިއްހީ ނުރައްކާތައް ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމަށް އިނގިރޭސިވިލާތުގެ ކްރިޓިކަލް ކެއާ ޑޮކްޓަރެއް ކަމަށްވާ ރެބެކާ އިންގްލިސް ބުންޏެވެ.

ރެބެކާ ބުނީ ކުޑަކުއްޖެއްގެ ހަޔާތުގެ ފުރަތަމަ 1000 ދުވަހަކީ ޖިސްމާނީ ކުރިއެރުމާއި ކޮގްނިޓިވް ޑިވެލޮޕްމަންޓަށް ވަރަށް މުހިންމު ދުވަސްތަކެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި ރަނގަޅަށް ކާން ލިބޭ ކުދިންނާ އަޅާ ބަލާއިރު، ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ކުދިން މަރުވުމުގެ ފުރުސަތު 11 ގުނަ އިތުރުވެއެވެ. "ވިޓަމިން އާއި މިނަރަލް މަދުވުމުގެ ސަބަބުން ހަށިގަނޑު އިމަޖެންސީ ޝަޓްޑައުން ހާލަތަކަށް ދާން މަޖުބޫރުވެ، ހަކަތަ އުފެއްދުމާއި ބަރުދަން އިތުރުކޮށް، ނުވަތަ ކިޑްނީ އާއި ލިވާގެ މަސައްކަތްތައް ދެމެހެއްޓުމުގެ ގާބިލުކަން ގެއްލޭ."

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނި ގޮތުގައި، ކުޑަކުދިން، ހާއްސަކޮށް ބަނޑުހައިހޫނުކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކުދިންނަށް ޑައިރިއާ އާއި ނިއުމޯނިއާ ފަދަ ބަލިތަކުގައި މަރުވުމުގެ ފުރުސަތު ބޮޑެވެ. ޔުނިސެފުން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަސް އަހަރުން ދަށުގެ ކުދިންނަށް ޑައިރިއާ ޖެހޭ މިންވަރު ގާތްގަނޑަކަށް 2،000 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.

ހަމޫދާ ބުނީ އޭނާގެ އަމިއްލަ ދަރިންގެ ކިބައިން ޑައިރިއާ، ރޯގާ އަދި ހުމުގެ އަލާމާތްތައް ފެންނަ ކަމަށެވެ. "ދަރިންގެ ހަށިތައް ޑީހައިޑްރޭޓްވެއްޖެ. އަދި އެކުދިންގެ ހަންގަނޑުވެސް ވަނީ ޑީހައިޑްރޭޓްވެފައި."

ވަރަށް ބޮޑަށް ސްޓްރެސްވާ ވަގުތުތަކުގައި މާބަނޑު މީހުން ބައިގެން ދިއުން ނުވަތަ ދުވަސް ނުފުރާ ވިހެއުމުގެ ފުރުސަތު ބޮޑު ކަމަށް ސިއްހީ ހިދުމަތްތެރިން ވަނީ ބުނެފައެވެ. ގާޒާގައި 50،000 މާބަނޑު މީހުން ދިރިއުޅޭ ކަމަށް އދ.ގެ ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އިން ބުނެފައިވާއިރު، ރެބެކާ ބުނީ ޔުޓެރޯގައި ތިބޭ ތުއްތު ކުދިންގެ ބަރުދަން ދަށްވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. "ބަނޑުހައިހޫނުކަމާއި ޑީހައިޑްރޭޓްވެފައިވާ މައިންނަށް ދަރިންނަށް ބޭނުންވާ މިންވަރަށް ކިރެއް ނުއުފެއްދޭ."

ކާބޯތަކެތީގެ ބާވަތްތައް ބެހުމުގައި ގޮންޖެހުންތަކެއް

ޝާދީ ބްލެހާ، 20، މަސައްކަތް ކުރަނީ ހަ މީހުންގެ އާއިލާއަކަށް ކާންދޭށެވެ. ހަފުތާއަކު ދެ ފަހަރު ޔޫއެންއާރުޑަބްލިއުއޭ އިން ދެ ފެންފުޅި އާއި ތިން ބިސްކޯދު އަދި ބައެއް ފަހަރު ދެ ދަޅު ކާއެއްޗިސް ދޭ ކަމަށް އޭނާ ބުންޏެވެ.

"އާއިލާއަށް އެ އެއްޗެހިންނެއް ނުފުދޭ." ރަފާހުގެ ޓެންޓެއްގައި ހިޔާވަހިކަން ހޯދަމުން އަންނަ ދަރިވަރު ކިޔައިދިނެވެ.

ގާޒާގެ ދެކުނުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ބުނީ، އިންސާނީ ބާވަތްތައް ބެހުމުގެ ކަންކަން ރެގިއުލޭޓް ނުކުރެވުމުގެ މާނައަކީ ބައެއް އާންމުންނަށް އެއްވެސް އެހީއެއް ނުލިބުން ކަމަށާއި، އެކަން ކުރާ މީހުން ފައިދާއަށް ވިއްކުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.

އަނެއްބައި ހާލަތްތަކުގައި ވިޔަފާރިވެރިން އެހީ ގަނެ، މާރުކޭޓުތަކުގައި ވިއްކަނީ ވަރަށް އަގު ބޮޑުކޮށެވެ. ކާރު ގެންގުޅޭ ބައެއް މީހުން ވަރަށް ދުރަށް ދުއްވައިގެން ފެން ހޯދައިގެން ގެނައުމަށްފަހު، ކޭމްޕުތަކުގައި ދިރިއުޅޭ މީހުންނަށް ފެން ވިއްކަނީ ވަރަށް އަގޮބޮޑުކޮށެވެ. އެކަމާ ހަޅުތާލުކުރުމުން އިތުރަށް އަގު އުފުލެއެވެ. މީގެ ތިން ހަފުތާ ކުރިން ހާން ޔުނިސްގައި 25 ކިލޯގެ ފުށް ކޮތަޅެއްގެ އަގު 20 ޑޮލަރުގައި ހުރި އިރު، ދެކުނު ސިޓީއަށް އައިޑީއެފް އިން ހަމަލާތައް ވަރުގަދަކުރުމާ ގުޅިގެން އޭގެ އަގު 34 ޑޮލަރަށް އުފުލިފައިވާ ކަމަށް އަލް ނައިޒީ ބުންޏެވެ.

ބައެއް މީހުންނަށް އެހީގެ ޕެކޭޖްތައް ލިބޭއިރު، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ސާމާނު އޭގައި މަދުކަމަށް ރިޕޯޓް ކުރެއެވެ. އެހީގެ ޕެކޭޖުތަކުގައި ހިމެނޭ ކަދުރު، ޒައިތޫނި ތެޔޮ އަދި ކައްކާ ތެޔޮ ކަޅު ބާޒާރުގައި ވިއްކަނީ އޭގެ އަސްލު އަގުގެ ދެގުނަ އަށް ވުރެ ބޮޑު އަގަކަށެވެ.

ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އިޒްރޭލުގެ ކޯޑިނޭޓަރު އޮފް ގަވަމަންޓް އެކްޓިވިޓީސް އިން ދަ ޓެރިޓަރީޒް (ކޯގަޓް) ބުނީ 260 ހިއުމެނިޓޭރިއަން ޓްރަކް ބެލުމަށްފަހު ގާޒާއަށް ވައްދާފައިވާ ކަމަށާއި މިއީ ހަނގުރާމަ ފެށުނު ފަހުން އެންމެ ގިނަ އަދަދަކަށް އެހީގެ ޓްރަކްތައް ވެއްދި ފަހަރު ކަމަށެވެ.

ނަމަވެސް އެހީދޭ އެޖެންސީތަކުން ބުނަނީ އެއީ ފަލަސްތީނަށް އެހީ ބޭނުންވާ މިންވަރަށް ފުދޭ ވަރުގެ އެހީއެއް ނޫން ކަމަށެވެ. ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އޯސީއެޗްއޭއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގާޒާއަށް އިންސާނީ އެހީދޭ އިދާރާތަކުން ދޭން ރާވާފައިވާ އެހީގެ ތެރެއިން އިޒްރޭލުން ހުއްދަ ދީފައިވަނީ ހަތަރުބައިކުޅަ އެއްބައިގެ އެހީ ވެއްދުމަށް ކަމަށެވެ.

ޑަބްލިއުއެފްޕީން ވަނީ އެހީއަށް ވަންނަ އާ މަގުތަކާއި، ދުވާލެއްގެ މައްޗަށް ބޯޑަރު ޗެކްކުރާ ތަންތަނުން އިތުރު ޓްރަކްތައް ދަތުރުކުރުމަށާއި، އިންސާނީ މަސައްކަތްތެރިންގެ ދަތުރުފަތުރަށް ހުރި ހުރަސްތައް މަދުކުރުމަށާއި، އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަން ދިނުމަށް ގޮވާލާފައެވެ. ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު އެ އެޖެންސީން ބުނީ ދީރް އަލް ބަލާހްގެ ހަ ބޭކަރީއެއް އަދި ރަފާހުގެ އޮޕަރޭޝަންތައް އަލުން ފަށާފައިވާ ކަމަށާއި ނަމަވެސް ތިން ބޭކަރީއެއް ބޭނުން ނުކުރެވޭ ކަމަށެވެ. "ހާއްސަކޮށް ގިނަ އާއިލާތަކަކަށް ކެއްކުމުގެ އަސާސީ ވަސީލަތްތައް ނެތުމުން އެންމެ ބޮޑަށް ޑިމާންޑް ކުރާ ކާނާއަކީ ބަނަސް" އެ ބަޔާނުގައި ވެއެވެ.

އިޒްރޭލުގެ އަސްކަރީ ހަމަލާތަކުގެ ސަބަބުން ގާޒާގެ ދަނޑުބިންތަކުގެ 22 ޕަސެންޓް ހަލާކުވެފައިވާކަމަށް އޯސީއެޗްއޭއިން ބުނެއެވެ. ޖަނަވާރުތަކަށްވެސް ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާއިރު، ތާޒާ އުފެއްދުންތައް ލިބުމަކީ އުނދަގޫ ކަމެކެވެ.

ޔޫއެންއާރްޑަބްލިއުއޭގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަންސް ޖޫލިއަޓް ޓޫމާ ވިދާޅުވީ ގާޒާގައި ގެދޮރު ގެއްލިފައިވާ އާންމުންގެ ބޭނުންތައް ކަމާބެހޭ ފަރާތްތަކުން އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފައިވާ މިންވަރަށް ވުރެ މާ ބޮޑު ކަމަށާއި އެކަމުގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ޔޫއެންއާރްޑަބްލިއުއޭ އާއި ޑަބްލިއުއެފްޕީން ބުނީ، ވަކި ވަކި ފަރުދުން ބޮޑު އަގުގައި އެހީ ވިއްކާ ކަމުގެ ރިޕޯޓްތައް ކަށަވަރު ނުކުރެވުނު ނަމަވެސް، ގާޒާގައި މާޔޫސްކަމާއި ބަނޑުހައިހޫނުކަމުގެ މިންވަރަށް ބަލާއިރު، މިއީ ކޮށްފާނެ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"މިއީ މުޅިން ހަލަބޮލި ކަމެއް. ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި. މީހުން ތިބީ ވަރަށް ބަނޑުހައިވެފައި." ޓޫމާ ވިދާޅުވިއެވެ. "ހަމަކަށަވަރުން، ގަޑިއަކީ ބަނޑުހައިހޫނުކަމަށް ޓަކިޖަހާ ގަޑިއެކެވެ.

"ބައެއް ފަހަރު އާއިލާތަކުން ޑަބްލިއުއެފްޕީގެ ކާބޯތަކެތި ވިއްކަނީ އެހެނިހެން ޒަރޫރީ ސާމާނު ހޯދަން ބޭނުންވާތީ. ސާފުކޮށް ދަންނަވަންޏާ ޑަބްލިއުއެފްޕީން ބަހާ އެއްވެސް ކާނާއަކީ ވިއްކުމަށް ބޭނުންކުރެވޭނެ އެއްޗެއް ނޫން." އެ އެޖެންސީން ނެރުނު ބަޔާނުގައި ބުންޏެވެ.

މި ހަނގުރާމައިގެ ސަބަބުން ގާޒާގައި ގިނަ އަދަދެއްގެ މީހުން ވަޒީފާ ގެއްލި، އަގުތައް އުފުލުމާއެކު އެމީހުން ބޭނުންވާ އެއްޗެހި ހޯދުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.

ހަމޫދާ މިހާރު އޭނާގެ އާއިލާއަށް ބޭނުންވާ ކާބޯތަކެއްޗާއި ސާމާނަށް ހަފުތާއަކު 250 ޑޮލަރު ހަރަދުކުރާއިރު ހަނގުރާމައިގެ ކުރިން 50 ޑޮލަރާއި 70 ޑޮލަރާ ދެމެދުގެ އަދަދަކުން ފުދޭ ކަމަށް ބުންޏެވެ.

އަލް ނައިޒީގެ ބެލުމުގެ ދަށުގައި ތިބި ޔަތީމު ކުދިންނަށް މަހަކު ބޭނުންވާ ސާމާނު ޕްރޮކިއުމަންޓް ކުންފުންޏަކުން 6،814 ޑޮލަރަށް ހޯދާފައިވާއިރު، މި ފައިސާގެ ތެރޭގައި އިންފަންޓް ފޯމިއުލާއަށް އެކަނި ވެސް 2،160 ޑޮލަރު ހަރަދުވިއެވެ. ހަނގުރާމައިގެ ކުރިން ފޯމިއުލާގެ އަގަގީ 1،680 ޑޮލަރެވެ.

"އަޅުގަނޑުމެން ގާތްގަނޑަކަށް ދިރިއުޅެނީ ހަނގުރާމައާއި، މީހުން މެރުމާއި، ވިޔަފާރިވެރިންގެ ދަހިވެތިކަމާއި، އެހީ ބެހުމުގައި މުއައްސަސާތަކުގެ ބޭއިންސާފާއި، ސަރުކާރެއް ނެތުމުގެ ސަބަބުން މި ނުރައްކާތެރި ހަލަބޮލިކަން އުފެދޭ ޖަންގައްޔެއްގައި." އަލް ނައިޒީ ބުންޏެވެ.