ޓެކްސް ކޮމިޝަނަރުކަމުގެ މަގާމުން ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފަތުހުﷲ ޖަމީލް އިސްތިއުފާދެއްވާފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ކުރިމަތިލެއްވުމުގެ ގޮތުންނެވެ. އެމްޑީޕީގެ ޓިކެޓުގައި ޖަމީލް ކުރިމަތިލައްވަނީ ތިމަރަފުށީ ދާއިރާއަށެވެ.
2019 ވަނަ އަހަރުގެ އޮކްޓޯބަރު 19 އިން ފެށިގެން ޓެކްސް ކޮމިޝަނަރު ކަމުގައި ހުންނެވި ފަތުހުﷲ ޖަމީލަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. 2003 ވަނަ އަހަރު މީރާ އާއި ގުޅިވަޑައިގެން ރެވެނިއު އޮފިސަރ އެއްގެ މަގާމު އަދާކޮށް އަދި އޭގެ ފަހުން މީރާގެ ސީނިއާ ރެވެނިއު އޮފިސަރ ގެ މަގާމުވެސް ވަނީ އަދާކޮށްފައެވެ.
2010 ވަނަ އަހަރު ފަތުހުﷲ ޖަމީލް ވަނީ މީރާގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމު އަދާކޮށްފައެވެ.
މީރާއިން ވަކިވެވަޑައިގަންނަވާ، ފަތުހުﷲ ޖަމީލް ވަނީ ދިރާގުގެ މެނޭޖާ ޓެކްސް ރިސްކް އެންޑް ކޮމްޕްލަޔަންސްގެ މަގާމުވެސް އަދާކުރައްވާފައެވެ.