ތުއްތު ކުދިންނަށް ދޭ ބުއްފުޅި އާއި ބުއްފުޅީގެ ތުން ރާއްޖެ އެތެރެކުރާއިރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގައި ރަޖިސްޓްރީ ކުރުމަށް އަންގައިފިއެވެ.

އެ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ 2015 ވަނަ އަހަރު އެކުލަވާލާފައިވާ، "ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ" ދަށުން 'ކަނޑައެޅިފައިވާ އުފެއްދުންތައް' ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެމުން ދިޔައީ 'ދިރިތި' ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށް ފަހު ކަމަށެވެ.

ނަމަވެސް، މިހާރަކަށް އައިސް މިފަދަ ތަކެތި އެ އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް އެތެރެ ކުރަމުންދާކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އެ އުފެއްދުންތައް އަންނަ ޖުލައި 31 ގެ ފަހުން އެތެރެކުރެވޭނީ އެމްއެފްޑީއޭގައި ރަޖިސްޓްރީ ކުރުމަށްފަހު ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ހުސްވި އަހަރު އެމްއެފްޑީއޭ އިން ވަނީ ކުޑަކުދިންނަށް ދޭ ކާބޯތަކެތީގެ އުފެއްދުންތައް ރަޖިސްޓްރީ ނުކޮށް ވިއްކަމުންދާ މައްސަލަވެސް ފާހަގަ ކޮށްފައެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރަމުންދާ އެފަދަ ވިޔަފާރިތައް ރަޖިސްޓާ ނުކޮށް ވިޔަފާރި ކުރާނަމަ އެ ފަރާތްތަކުގެ ނަންނަތައް އާންމުކުރުމަށް އެ އޮތޯރިޓީން ވަނީ ނިންމާފައެވެ.