އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މިއަހަރުގެ މާޗު މަހު ބޭއްވުމަށް ނިންމައިފިއެވެ.
އުރީދޫން ބުނި ގޮތުގައި އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހާއި، ގަޑި، އަދި ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތުތައް 21 ފެބްރުއަރީގެ ކުރިން އެ ކުންފުނީގެ ވެބްސައިޓުގައި ހިއްސާ ކުރާނެއެވެ.
އަހަރީ އާންމު ޖަލްސާގައި ބައިވެރި ވުމުގެ އިތުރުން ހުސްވި އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މި ފެށޭ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް އުރީދޫއިން ބުނެއެވެ.
މިގޮތުން، އަމިއްލަ އަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވެގެން ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެ ކަމަށް ވެއެވެ.
ދާދިފަހުން އުރީދޫއިން ވަނީ އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބު ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. އަދި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިހާބުކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި ފެބްރުއަރީ މަހު އިއުލާނު ކުރާނެ ކަމަށް އުރީދޫއިން ބުނެއެވެ.