ކްލައިމެޓް ވަލްނަރަބަލް ފޯރަމް، ނުވަތަ ސީވީއެފްގެ އަމީންއާންމުގެ މަގާމު ފުރުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގާނާ އަށް ދިރިއުޅުން ބަދަލުކުރެއްވީ ވަކި އެއްޗެއް ނާންގަވާ ކަމަށް، މަޖިލީހުން ބުނެފިއެވެ.

ސީވީއެފްގެ އަމީންއާންމުގެ މަގާމު ފުރުއްވުމަށްޓަކައި ގާނާގެ ވެރިރަށް އަކްރާ އަށް މަދު އަހަރުތަކަކަށް ދިރިއުޅުން ބަދަލުކުރެއްވިކަން މައްޗަންގޯޅި މެދު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނަޝީދު ހާމަކުރެއްވީ ރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވީ، ސީވީއެފްގެ މަގްސަދުތައް ހާސިލްކުރުމަށް ބޭނުންވާ އިންވެސްޓްމެންޓު ހޯދައި ކުރަން ޖެހޭ މަސައްކަތްތައް ކުރެއްވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ނަޝީދު ގާނާ އަށް ދިރިއުޅުން ބަދަލުކުރެއްވީ، އެމަނިކުފާނު މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ޒިންމާ އަދާކުރުމަށް ބާކީ ހަތަރު މަސް އޮއްވައެވެ.

'ދަ ޕްރެސް' އިން ސުވާލުކުރުމުން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ނަޝީދު ގާނާ އަށް ދިރިއުޅުން ބަދަލުކުރެއްވިކަން މަޖިލީހަށް ރަސްމީކޮށް ނާންގަވާ ކަމަށާއި، މަޖިލީހުގެ ބާކީ އޮތް މުއްދަތަށް ޗުއްޓީ ނެންގެވިކަން ނުވަތަ ސަލާމް ވިދާޅުވިކަން ނާންގަވާ ކަމަށެވެ.

އެހެންކަމަށްވާ ނަމަ، ނަޝީދަށް މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިގަންނަވާނެއެވެ. އެހެންވިޔަސް މަޖިލީހުގެ ގަވައިދުގެ 243 ވަނަ މާއްދާގައި، އެއް މަސްުދުވަހު ބޭއްވޭ ޖަލްސާތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ޖަލްސާތަކަށް މެންބަރުން ހާޒިރުވެވަޑައިނުގަންނަވާ ނަމަ، އެ މެންބަރެއްގެ މަހު މުސާރައިން 50 ޕަސެންޓު ކަނޑަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މިވަގުތު ގާނާގައި ހުންނެވި ނަޝީދު، ސިޔާސީ މަސައްކަތާ ވަގުތީ ގޮތުން ދުރަށް ވަޑައިގެންނެވިކަން ހާމަކުރެއްވީ މިދިޔަ މަހުގައެވެ. އެކަން ހާމަކުރައްވައި ނެރުއްވި ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމު އަދާކުރުމުގައި ވީ މިންވަރަކުން ރައްޔިތުންނަށް ހިދުމަތްކޮށްދެވުނު ކަމަށާއި، އުއްމީދަކީ ސަރުކާރަކާއި ވެރިން ޖަވާބުދާރީކުރުމުގެ މަސައްކަތް އަންނަން އޮތް ޖީލުތަކުން ކުރުން ކަމަށެވެ.

އެ ބަޔާނުގައި ނަޝީދު ވަނީ، ސީވީއެފްގެ އަމީންއާންމުގެ މަގާމަށް ވަޑައިގަތުމަށް ލިބިވަޑައިގެންނެވި ދައުވަތު ގަބޫލުކުރެއްވިކަން ހާމަކުރައްވައިފައެވެ.