ޕްރޮސިކުޓާ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ސުވާލުކުރުމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ފުލުހަށް އަންގައިފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ކުރީގެ ރައީސް ސޯލިހު ވިދާޅުވީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ސިޔާސީ މަގްސަދުގައި ހިންގާ ހަމަނުޖެހުންތަކުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި އެކަން ކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

ޝަމީމަށް ދިން ހަމަލާ ފުލުހުން ތަހުގީގުކުރަމުންދާކަން ހާމަކުރައްވާ އިހުސާން ވިދާޅުވީ އެ ހަމަލާއަކީ ސިޔާސީ މަގްސަދެއްގައި ދިން ހަމަލާއެއް ކަމަށް ކުރީގެ ރައީސް އިއުލާނު ކުރެއްވުމުން ދޭހަވަނީ އެ ހަމަލާގެ މަގްސަދާއި މީހުންނާ ބެހޭ އިތުބާރު ހުރި މައުލޫމާތެއް ކުރީގެ ރައީސަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ އިތުބާރުހުރި މައުލޫމާތުތައް މިހާރުން މިހާރަށް ފުލުހުންނާ ހިއްސާކުރުމަށް ރައީސް ސޯލިހުގެ އަރިހުން އިހުސާން ވަނީ އެދިވަޑައިގެންފައެވެ.

އިހުސާން ވަނީ މިކަމުގައި ކުރީގެ ރައީސްގެ އޮފީހާ ގުޅިގެން ތަހުގީގުކުރިއަށް ގެންދިއުމަށް ދަންނަވާފައިވާ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލަ އަކީ ބޮޑު އިސްކަމެއް ދީގެން ބަލަމުންދާ މައްސަލައެއް ކަމަށާއި އެކަން ކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

ޝަމީމްއަށް ހަމަލާދީފައިވަނީ ހެނދުނު ކަސްތަރުގައި އުޅުއްވަނިކޮށެވެ. އަދި އޭނާގެ ވާއަތަށް ލިބުނު ޒަހަމާއެކު އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާ ހޯދާފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އަކީ، ދައުލަތުގެ ފަރާތުން ދައުވާ ކުރަން ޖެހޭ ހުރިހާ މައްސަލައެއްގެ ބެލެނިވެރި ފަރާތް ކަމަށް ވާއިރު، ކުށުގެ ވެއްޓާ ގުޅުން ހުރި ތަފާތު މައްސަލަތަކުގައި ކޮންމެ ދުވަހަކު ޕީޖީގެ ވަކީލުން ގެންދަނީ ކޯޓުތަކުގައި ވަކާލާތު ކުރަމުން ކަންވެސް ފާހަގަ ކޮށްލެވެއެވެ.