ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލަ ރައްޔިތުން މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ހަސަން ލަތީފް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ މިއަދުގެ ވަގުތެއްގައި ޕީޖީ ހުސައިން ޝަމީމަށް މާލޭގެ މަގުމަތީން ނުރައްކާތެރި ހަމަލާއެއް ދީފައިވާ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުރިހަމައަށް ތަހްގީގުކޮށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ތަހްގީގު ނިންމާކަން ކަށަވަރުކުރުމަށްޓަކައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ހުށަހަޅާ ދެއްވުމަށް އެދޭ ކަމަށެވެ.

ޝަމީމްއަށް ހަމަލާދީފައިވަނީ ހެނދުނު ކަސްތަރުގައި އުޅުއްވަނިކޮށެވެ. އަދި އޭނާގެ ވާއަތަށް ލިބުނު ޒަހަމާއެކު އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާ ހޯދާފައެވެ.

އެ ހަމަލާ ކުށްވެރިކޮށް މީގެ ކުރިން ދަ ޑިމޮކްރެޓްސްއިންގެ އިތުރުން އެމްޑީޕީއިންވެސް ބަޔާނެއް ނެރެފައިވާއިރު ދަ ޑިމޮކްރެޓްސްއިން ބުނި ޝަމީމަށް މިއަދުގެ ވަގުތެއްގައި މަގުމަތިން ހަމަލާދީފައިވާތީ އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ. އަދި ޝަމީމަށް ހަމަލާދީފައިވަނީ މަރުތޭލަކުން ކަމަށް އެގިފައިވާ ކަމަށާއި އެ ހަމަލާ ޝަމީމަށް އަމާޒުކޮށްފައިވަނީ މަގުމަތިންކަމަށްވާތީ އެ ހަމަލާއަކީ ދުރާލައި ރާވައިގެން ދިން ހަމަލާއެއް ކަމަށް ވަނީ ބުނެފައެވެ.

ދަ ޑިމޮކްރެޓްސްއިން ބުނީ ސިޔާސީ ކަންކަމުން އެއްކިބާވެ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި މުހިއްމު މަސްއޫލިއްޔަތުތަކެއް އަދާކުރުމަށް ގާނޫނުއަސާސީގެ ދަށުން މަތިކޮށް އައްޔަނުކޮށްފައިވާ ދައުލަތުގެ މިފަދަ މަގާމެއް އަދާކުރައްވަމުން ގެންދަވާ ފަރާތަކަށް މިގޮތަށް ދޭ ހަމަލާއަކީ މުޅި ނިޒާމަށް ދެވޭ ހަމަލާއެއް ކަމަށެވެ.

ދަ ޑިމޮކްރެޓްސްއިން ބުނީ ޝަމީމަށް ދިން ހަމަލާގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވައިދީ، ޒިންމާވާ ފަރާތްތައް އަވަސް ފުރުސަތެއްގެ ތެރޭގައި އިންސާފުގެ ކުރިމައްޗަށް ގެނެސްދެއްވުމަށް ފުލުހަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.