ހަމަލާތައް ދެނީ ސަރުކާރުގެ އިސްވެރިންނާ ކުށްކުރާ ގްރޫޕްތަކާ އޮންނަ ގުޅުމުން ކަމަށް އެމްޑީޕީއިން ބުނެފިއެވެ.

އެމްޑީޕީއިން މިފަދައިން ބުނެފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މިއަދު މާލޭ މަގުމަތިން ހަމަލާ ދިނުމާ ގުޅިގެން އެކަން ކުށްވެރިކޮށެވެ.

އެމްޑީޕީއިން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން ފަހުން ރައްޔިތުންނަށާއި ދުސްތޫރީ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރައްވާ ފަރާތްތަކަށް ދެވެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި އިހުމާލުވެވަޑައިގެންފައިވާ ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް އެ މެމްބަރުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ދިނުމުގައާއި ނިމިދިޔަ ސަރުކާރުގައި ރާއްޖޭގައި މާރާމާރީ މަދުކުރެވިފައި ވަނިކޮށް މިހާރު މާރާމާރީތައްވެސް އިތުރުވެފައިވާ ކަމަށެވެ.

އެމްޑީޕީއިން ބުނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި މިފަދަ އަނިޔާވެރި އަދި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ޖެހިލުމެއްނެތި ހަމަލާތައް ދެވެނީ މި ސަރުކާރުގެ އިސްވެރިންނާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތް ގުޅުންތަކާހުރެ އެ ކުށްކުރާ ގްރޫޕްތަކަށް މި ސަރުކާރުން ދޭ ހިމާޔަތުގެ ސަބަބުން ކަން އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ.

އެމްޑީޕީއިން ވަނީ ޝަމީމްއަށް ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގާ، ހަމަލާ ދިން ފަރާތްތައް ހޯދާ އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާފައެވެ. އަދި ރައީސް ޑރ މުއިއްޒު އާއި ރައީސް ޑރ މުއިއްޒުގެ ސަރުކާރާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތްގުޅުމެއްގެ ތެރެއިން އެ މީހުންނަށް ދެމުންދާ ހިމާޔަތާއި ރައްކާތެރިކަން ހުއްޓާލުމަށް ވެސް އެ ޕާޓީއިން ވަނީ ގޮވާލާފައެވެ.

އެ ހަމަލާ، ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްވެސް ކުށްވެރިކުރައްވާފައިވާއިރު އޭނާ ވިދާޅުވީ އެ މައްސަލަ ވީހާވެސް އަވަހަކަށް ތަހުގީގުކޮށް ޒިންމާވާ ފަރާތްތަށް ގާނޫނުގެ ކުރިމައްޗަށް ގެނެސް، ގާނޫނުގައި ވާ އަދަބު ދިނުމަކީ މިފަދަ ޖަރީމާ ތައް ހުއްޓުވުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަަޅަކަށް ވާނެ ކަމަށެވެ.

ޝަމީމްއަށް ހަމަލާދީފައިވަނީ ހެނދުނު ކަސްތަރުގައި އުޅުއްވަނިކޮށެވެ. އަދި އޭނާގެ ވާއަތަށް ލިބުނު ޒަހަމާއެކު އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާ ހޯދާފައެވެ.