ރާއްޖޭގައި ފެށިގެން ދިޔަ އިންޑިއާ އައުޓް ހަރަކާތާއި ބަންގްލަދޭޝްގެ އިދިކޮޅު ފަރާތްތަކުން ފެށި ހަަރަކާތާ ގުޅިގެން ނޫސްތަކުގައި ލިޔާހާ އެއްޗެއް ގަބޫލު ނުކުރުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ގޮވާލައްވައިފިއެވެ.

ބަންގްލަދޭޝްގެ އިދިކޮޅު ފަރާތްތަކުން ފެށި ކެމްޕެއިން އަކީ އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް ގޮވާލައި ފެށި ކެމްޕެއިން އެކެވެ.

މުމްބާއީގައި އޮތް ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޖައިޝަންކަރު ވިދާޅުވީ، ޖިއުގްރަފީގެ ގޮތުން ބެލިޔަސް އަދި ގާތްކަމުގެ ގޮތުން ބެލިޔަސް އަވައްޓެރިންނަކީ ބަދަލު ކުރެވޭނެ ބައެއް ނޫން ކަމަށާއި، ދޭދޭ ގައުމުތަކުގެ ސިޔާސަތަށް އަންނަ ބަދަލުތަކާއެކު އެކި ފަހަރު އެކި ބަހުރުވަ ބޭނުން ކުރުމަކީ އާންމު ކަމެއް ކަމަށެވެ. ބައެއް ފަހަރު ތަންކޮޅެއް ހަރުކަށިކޮށް ބުނާ ބުނުންތައް ހުންނަ ކަމަށާއި އެއިން ކޮންމެ ބުނުމަކާއެކު ރައްދުވާ ގައުމަކުން ނުވަތަ ފަރާތަކުން ކުރާން ޖެހޭ ކަމަކީ ވާހަކަ ދައްކައިގެން ހައްލު ހޯދުން ކަމަށް ވެސް ވިދާޅުވިއެވެ.

"ވަރަށް ހަރުކޮށް އެއްޗެއް ބުނީމައި، ވާހަކަ ދައްކަން އިށީންނަން ދައުވަތު ދޭންވީ، މަށަށް ޔަގީން، ވާހަކަ ދައްކަން އިށީނީމައި ދުރުގައި ހުރެ ބޭނުން ކުރާ ބަހުރުވައަށް ވުރެ މާ ބޮޑަށް ވެސް ބޭނުން ކުރާ ބަހުރުވަ 'ސޮފްޓް] ލުއި ވާނެ، އެއީ ގެރެންޓީ ކަމެއް"
ޑރ. ޖައިޝަންކަރް

އޭނާ އިތުރަށް ވިދާޅުވީ، މަޝްވަރާގެ ތެރެއިން ހައްލު ހޯދޭނެ ކަމަށާއި އާހިރު ނަތީޖާއަކީ އަވައްޓެރިން އަވައްޓެރިންގެ ގޮތުގައި ތިބުން ކަމަށެވެ.

ނިމިދިޔަ ސަރުކާރުގައި ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ފެށި އިންޑިއާ އައުޓް ކެމްޕެއިނާއެކު އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ބުރޫއަރާފައި ވާއިރު، އޭރު އިދިކޮޅުގައި ތިބެ އެވާހަކަ ދެއްކި ފަރާތްތަކުން މިހާރު ތިބީ ރާއްޖޭގެ ވެރިކަމުގައެވެ. އަދި މި ވެރިކަމުގައި އިންޑިއާއާ ފެއަށް ޖެހި ސީނުކަރަ [ޗައިނާ] އާ ދިމާއަށް ސިޔާސަތު ދީލާލައި ވުމުގެ އިތުރުން ދެގައުމުގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ފެށި ކެމްޕެއިންގެ ހިޔަވިވެސް ވަނީ އެޅިފައެވެ. އެގެ އިތުރުން ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން އަންނަ މާޗް މަހުގެ 15 ގެ ނިލަޔަށް ބާލައި ހުސްކުރުމަށް ސަރުކާރުން އަންގާފައި ވުމާއި ރާއްޖޭގައި ދުއްވާ އިންޑިއާގެ ޑޯނިއާ އާއި ހެލިކޮޕްޓަރުތައް ބޭނުން ކުރުން މާޗްގައި ހުއްޓާލާނެކަމަށް ބުނެފައި ވުމަކީވެސް ދެގައުމުގެ ގުޅުން އިތުރަށް ގޯސްވެފައި ވާ ސަބަބެކެވެ. އަދި ހަމައެހެންވެ ރާއްޖެ ކުޑަޔަސް ރާއްޖެއަށް ބްލީ ނުކުރެވޭނެ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް އަމާޒު ކުރެއްވި ބަހުގެ ހަމަލާ ވެގެން ދިޔައީ އެ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ދިޔަ ކަމަކަށެވެ. އެއާއެކު އިންޑިއާގެ އިސް ވަފުދެއް ރާއްޖެ އައިސް ރާއްޖޭގެ އޮފިޝަލުންނާ ވާހަކަ ދައްކާފައި ވާ އިރު، ދެވަނަ ބައްދަލުވުމެެއް އިންޑިއާގެ ވެރިރަށް ދިއްލީގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ބައްދަލުވުންތަކުގައި ދިވެހި ސަރުކާރުން އެދިފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކަމަށް ރާއްޖޭގެ ހާރިޖީ ވުޒާރާއިން ބުނެފައި ވީ ނަމަވެސް އިންޑިއާގެ ހާރިޖީ ވުޒާރާއިން ބުނެފައި ވަނީ މަޝްވަރާ ކުރެވިފައި ވަނީ ރާއްޖޭގައި އުދުހޭ ޑޯނިއާ އާއި ހެލިކޮޕްޓަރުގެ ހިދުމަތް ނުހިއްޓި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމާ ބެހޭ ގޮތުން ކަމަށެވެ.

ސިފައިން އަނބުރާ ގެންދިޔުމުގެ ވާހަކައިގައި ޖައިޝަންކަރު ވިދާޅުވެފައި ވަނީ، އެއީ އެހާ އަވަހަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެ ނުކުތާގައި އިންޑިއާގެ ބައެއް އޮފިޝަލުން ވިދާޅުވެފައި ވަނީ ސިފައިން އަނބުރާ ގެންދިއުން އަހަރަކުން ދެއަހަރަކުން ނުނިމޭނެ ކަމަށެވެ.

ރާއްޖޭގައި އިންޑިއާގެ 89 ސިފައިން ޓެކްނިކަލް މަސައްކަތްތަކުގައި ހަރަކާތްތެރިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އޭގެ ތެރޭގައި ޑޯނިއާ އާއި ހެލިކޮޕްޓަރު ބެލެހެއްޓުމާއި މާލޭގައި ހުންނަ ސެނަހިޔާ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މެޑިކަލް ސްޓާފުންވެސް ހިމެނެއެވެ.