ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މިއަދު މާލޭ މަގުމަތިން ހަމަލާ ދީފިއެވެ.

އޭނާ ހެނދުނު ކަސްތަރުގައި އުޅުއްވަނިކޮށް ހަމަލާ ދީފައި ވާ އިރު އޭނާގެ ވާއަތް ޒަހަމްވެގެން އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާ ހޯއްދަވާފައެވެ.

ހަމަލާގެ ތަފްސީލު މުޅިން ހާމަ ނުވި ނަމަވެސް ފުލުހުން ބުނީ ހަމަލާ ދިނީ ތޫނު އެއްޗަކުން ނޫން ކަމަށް މިހާތަނަށް އެނގިފައި ވާ ކަމަށެވެ.

ހަމަލާ ދިން ސަބަބާއި އެކަމުގައި ބައިވެރިވީ ކޮން ބައެއް ކަމެއް އަދި ސާފެއް ނުވެއެވެ.

އެ ހަމަލާ އޭނާގެ އަތުގެ މުލަްދަނޑިއަށް އަމާޒުވެފައި ވާ އިރު އާންމުވި ފޮޓޯއިން ފެންނަނީ ވާއަތުގެ މުލައްދަނޑީގައި ބޭންޑޭޖް އަޅާފައި ވަނިކޮށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާ އިރު، މިހަމަލާގެ އަމާޒަކީ ކޮބައިކަންވެސް އަދި ސާފުވާގޮތެއް ނުވެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އަކީ، ދައުލަތުގެ ފަރާތުން ދައުވާ ކުރަން ޖެހޭ ހުރިހާ މައްސަލައެއްގެ ބެލެނިވެރި ފަރާތް ކަމަށް ވާއިރު، ކުށުގެ ވެއްޓާ ގުޅުން ހުރި ތަފާތު މައްސަލަތަކުގައި ކޮންމެ ދުވަހަކު ޕީޖީގެ ވަކީލުން ގެންދަނީ ކޯޓުތަކުގައި ވަކާލާތު ކުރަމުން ކަންވެސް ފާހަގަ ކޮށްލެވެއެވެ.