މިދިޔަ ޑިސެމްބަރު މަހު ޑާކްރެއިން އިން ގެނެސްދިން ކާމިޔާބު ފިލްމު "ނޮވެމްބަރ" މީޑިއާނެޓްގެ އެމްއެސް ވީޑިއޯ ކުލަބަށް ދޫކޮށްލަން ނިންމައިފިއެވެ.
ޑާކްރެއިނުން ބުނީ މި ފިލްމު އެމްއެސް ވީޑިއޯ ކުލަބުން ބެލޭނީ އަންނަ މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އެދުވަހަށްފަހު އެމްއެސް ވީޑިއޯގެ ސަބްސްކްރައިބަރުންނަށް އޭގެން ފިލްމު ބެލޭނެއެވެ. ޑާކްރެއިންގެ އެންމެ އަގުބޮޑު ފިލްމު "ނޮވެމްބަރ" ގެ ލީޑު ތަރިންނަކީ މަރިޔަމް މަޖުދާ (މަޖޫ) އަދި ޖުމައްޔިލް ނިމާލް (ޖުމަލް) އެވެ.
ސިންގަޕޫރުގެ އިތުރުން އައްޑޫގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ މަޖޫ ދިވެހި މުދައްރިސެއްގެ ރޯލުން ފެނިގެންދާނެ ފިލްމެކެވެ. ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރ"ގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ. "ނޮވެމްބަރ" އަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ.
މި ފިލްމަކީ އަންހެނެއްގެ ހަޔާތުގައި ދިމާވާ ބޮޑު ކަންތައްގަނޑަކުން އޭނާ އަރައިގަންނަށް ކުރާ މަސައްކަތުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަދި މިއީ ސޯލްމޭޓްސް އާ ގުޅޭ ފިލްމެއްވެސްމެއެވެ. ޖުމްލަ 1.6 މިލިއަން ރުފިޔާގެ ބަޖެޓަކުން ހެދި މި ފިލްމަކީ މިދިޔަ އަހަރު އޮލިމްޕަސް ސިނަމާގައި ޕްރިމިއާކުރި ފިލްމުތަކުގެ ތެރެއިން ކާމިޔާބު ފިލްމެކެވެ.