ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024އަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝްންސް ކޮމިޝަން (އީސީ)އިން ހުޅުވާލައިފިއެވެ.

މަޖިލިސް އިންތިހބުގައި ވާދަ ކުރުމަށް މިއަދު ހުޅުވާލާފައި ވާއިތު، އެ ފުރުސަތު އަންނަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް އީސީއިން ބުނެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ހެނދުނު 9:00އިން މެންދުރުފަހު 2:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ކަމަށެވެ.

ފައިސާ ބަލައިގަންނާނީ ހަމައެކަނި ޕީއޯއެސް މެޝިން ބޭނުންކޮށްގެން ކޭޝް ކާޑުން ކަމަށާއި ނަގުދު ފައިސާ ބަލައި ނުގަންނާނެ ކަމަށް ވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ކޮމިޝަނުން ކަނޑައަޅާފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަސްކަން ފާހަގަ ކުރައްވާ ހަބީބް ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނެވޭ ބަދަލަކުން، އިންތިހާބުގެ ތާރީހަށް ބަދަލެއް ގެނައުމަށް ލާޒިމް ވެއްޖެ ހިނދެއްގައި، އެކަން އެގޮތަށް ވުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެގޮތުން އީސީއިން އަމަލުކުރަނީ ގާނޫނުގައިވާ ގޮތުގެމަތިން ކަމަށާއި ގާނޫނަށް ގެނެވޭ ބަދަލަކުން އިންތިހާބު ބާއްވާ ތާރީހް ފަސްކުރަން ޖެހިއްޖެނަމަ، އީސީ އޮންނާނީ އެކަމަށް ތައްޔާރުވެގެން ކަމަށް ވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.

އީސީއިން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، މާޗު މަހުގެ 17 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:00އަށް ކަމަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހުގެ އިރުއޮއްސި 6:45 ގައި ކަމަށެވެ.

މީގެއިތުރުން ވޯޓު ނަގާ ދުވަހު އިންސާނީ ބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރުކުރާ ގޮތަށް ހަމަޖެހިފައިނުވާ ކަމަށް ވެސް އީސީއިން ވަނީ ބުނެފައެވެ. އަދި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މާޗު 24 ވާ އާދީއްތަ ދުވަހު ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.