މާލޭގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ މަގުތައް ބެލެހެއްޓުމަށް މާލެ ސިޓީ ކައުންސިލުން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.

ސިޓީ ކައުންސިލާއި އާރުޑީސީއާ ދެމެދު މިއަދު ވި އެއްބަސްވުމުގެ ދަށުން މާލޭގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން މަގުތަކުގައި ހަދާފައިވާ ކާނުތަކުގެ މަތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައި ވާއިރު ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ދާދި ފަހުން އިންތިހާބުވެ މަގާމާ ހަވާލުވެވަޑައިގެންނެވި މޭޔަރު އާދަމް އާޒިމް އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަލީ ޒުހެއިރު އެވެ.

ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ މަގުތައް ބެލެހެއްޓުމަށް މާލެ ސިޓީ ކައުންސިލުން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކުރުން

ޒަމާނީ ފެންވަރަށް އަމީނީމަގު ހަދަން ޕްލޭނިން މިނިސްޓްރީން އާރުޑީސީ އާ ހަވާލުކުރީ މިދިޔަ 2022 އަހަރުގެ ޖުލައި މަހުގެ ހަތަރުވަނަ ދުވަހު 84 މިލިއަން ރުފިޔާ އަށް، 210 ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމާލާ ގޮތަށެވެ. އެ މަގުގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން މާލޭގެ އެންމެ މުހިއްމު އެއް މަގުކަމަށްވާ އަމީނީ މަގުގައި ތާރުއަޅާ ރަނގަޅު ފެންވަރަކަށް ހެދުމުގެ އިތުރުން އެ މަގުގައި ފެންބޮޑުވެ ދިމާވާ ދަތިތައް ހައްލުކުރުމަށް ފެންހިންދާ ނިޒާމު ވަނީ ގާއިމް ކޮށްފައެވެ. ދާދިފަހުން ތަރައްގީ ކޮށް ނިންމި ނަމަވެސް އަމީނީމަގުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައެވެ ނުވެއެވެ.