ހޯއްގޮވާ ކެއްސުން (ޕާޓޫސިސް)ގެ އިތުރު ކޭސް އެއް ފެނިއްޖެއެވެ.

ރާއްޖެއިން މުޅިން ނައްތާލާފައިވާ ހޯއްގޮވާ ކެއްސުމުގެ ބަލި ފެނިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ގއ. ވިލިނގިލިންނެވެ. އެކަމާ ގުޅޭ ފަހުގެ ތަފްސީލް ހިއްސާ ކުރަމުން އެޗްޕީއޭއިން ބުނީ، ގއ. ވިލިގިލިން ވަނީ އިތުރު ޕާޓޫސިސް ކޭސްއެއް ފެނިފައިވާ ކަމަށާއި މިހާތަނަށް ބެލި ބެލިމުން އެއީ ކުރިން ފެނުނު ކޭސްތަކާއި ގުޅުން ހުރި ކޭސް އެއް ކަމަށް ނުބެލެވޭ ކަމަށެވެ.

އަދި ބަލި ފެތުރުން، މަދު ކުރުމަށް ގއ. އަތޮޅު ހޮސްޕިޓަލްގައި އެކަމަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލައި ކޮންޓެކްޓް ޓްރޭސިންނާއި ކޮންޓެކްޓުންގެ ތެރެއިން އަލާމާތްތައް ހުރި ފަރާތްތަކަށް ބޭސް ދިނުމުގެ އިތުރުން 7 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ ކުދިން ދެނެގަނެ ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެ އެޖެންސީ މިއަދު ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުގައި:

  • ޕޮސިޓިވްވި ކޭސްތައް - 4
  • ހޯދާފައިވާ ކޮންޓެކްޓުގެ އަދަދު - 161
  • އަލާމާތްތައް ހުރި ކޮންޓެކްޓުގެ އަދަދު - 23
  • އަލާމާތް ހުރެގެން ޓެސްޓު ކުރި އަދަދު - 17
  • ޕްރޮފައިލެކްސިވް ދެވުނު އަދަދު - 27

މި ބަލި ފެތުރެނީ ނެވާލާ ނިޒާމުގެ ތެރެއިންނެވެ. މި ބަލި ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާގެ އަލާމާތްތަކެވެ. މީގެ އިތުރުން ހަފްތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާ ކަމަށާއި، ކެއްސުން ދިގު މުއްދަތަކަށް ދިގުލައިގެން ދެއެވެ.

މި ބަލީގައި ބޮޑު ވަރުވަނީ ވެކްސިން ފުރިހަމަ ނުކޮށް ތިބޭ މީހުންނަށް ކަމަށާއި ހާއްސަކޮށް މި ބަލީގައި ބޮޑު ވަރު ވަނީ ކުޑަކުދިންނަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެހެންކަމުން 7 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ތިބި ކުދިން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ. ކޮންމެ ރަށެއްގެ ވެސް ސިއްހީ ހިދުމަތްދޭ މަރުކަޒުން މި ވެކްސިން ޖެހެން ހުންނާނެއެވެ.

އަދި ރޯގާ ޖެހި މާ ބޮޑަށް ކެއްސާ ނަމަ، ނުވަތަ ކެއްސުން ދިގުލައި އުންދަގޫތަކެއް ވާ ނަމަ، ނުވަތަ ދިގު މުއްދތަަށް ފަރުވާ ކުރާ އެހެން ބައްޔެއް ހުރި ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. މީގެ އިތުރުން ރޯގާޖެހި ބަލިވެ އުޅޭ ތުއްތު ކުދިންނާއި މާބަނޑު މީހުން ވެސް ސަމާލުވުމަށް އެޗްޕީއޭ އިން އެދެއެވެ.