ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް އަލުން ފަށަން ސަރުކާރުން މިއަދު ނިންމައިފިއެވެ.

ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންތައް ހާމަކުރުމަށް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ވާދަވެރި ބީލަމަކުން ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ހުޅުވާލުން ކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ އެފަދަ ފަރާތަކަށް ފަސް އަހަރާއި ހަތް އަހަރު ދުވަހުގެ އެކްސްކްލޫސިވިޓީ އެއް ދިނުން ކަމަށެވެ.

މި ނިންމުން އިތުރަށް ތަފްސީލުކުރައްވައި ނާޒިމް ވިދާޅުވި ގޮތުގައި:

- މެޑިވެކާއި ސާޗް އެންޑް ރެސްކިއުގެ ހިދުމަތަށް ލާޒިމްކޮށް، ހެލިކޮޕްޓަރުގެ ހިދުމަތް ފަށާއިރު ބޭނުންކުރާނީ ދެ އިންޖީނުލީ ހެލިކޮޕްޓަރު

- ހިދުމަތް ދޭނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް

މީގެ އިތުރުން ހެލިކޮޕްޓަރު ޖެއްސުމަށް ހާއްސަ ޖާގައެއް ވެލާނާ އެއާޕޯޓުގައި ތަރައްގީކޮށް، އިތުރު ހެލިޕެޑެއް އަޅަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.