ޏ. ފުވައްމުލައް ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ގދ. ގައްދޫގައި ހުރި ޖަނަރޭޓަރު ސެޓެއް ގެންނަން މަސައްކަތް ކުރުމުން ގައްދޫން ބަޔަކު ނިކުމެ ހުރަސް އަޅައިފިއެވެ.
ފުވައްމުލަކު ސިޓީގައި ހިންގަމުން ދިޔަ 800 ކިލޯވޮޓްގެ ޖަނަރޭޓަރު މައްސަލައެއް ދިމާވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އަދި ގދ. ގައްދޫގައި ހުރި 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ފުވައްމުލަކަށް ގެންދިއުމަށް މަސައްކަތް ފެށި ނަމަވެސް އެ ރަށުގެ އާންމު މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށް ފެންނާތީ ޕްރޮކިއުމަންޓްގެ ދަށުން ޖަނަރޭޓަރެއް ހޯދުމުގެ މަސައްކަތް ފެށިއެވެ.
ފެނަކަ ކޯޕަރޭޝަން އިން ބުނީ، އެ މި މަސައްކަތް ފެށި ނަމަވެސް މިހާތަނަށް އެ ކެޕޭސިޓީގެ ޖަނަރޭޓަރެއް ލިބިފައި ނުވާތީ ގދ. ގައްދޫގައި ހުރި ޖަނަރޭޓަރު ފުވައްމުލަކަށް ގެންދިއުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކާ އެކު ގުޅިގެން މަޝްވަރާ ކުރި ކަމަށެވެ. މި މަޝްވަރާތައް ފެށީ ފުވައްމުލަކުގެ ޖަނަރޭޓަރު ހަލާކުވި ފަހުން އެ ކަމަށް ހައްލެއް ނުގެނެވި ދިގު ލައިގެން ދިއުމުގެ ސަބަބުން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު އެ ރަށުގެ ބޮޑު ސަރަހައްދަކުން ޝެޑިއުލްކޮށް ކަރަންޓު ކަނޑަން ޖެހުމުން ކަމަށް ފެނަކަ އިން ބުނެއެވެ.
އެހެންކަމުން ގދ ގައްދޫގައި ހުރި ބޭނުން ނުކުރާ ޖަނަރޭޓަރު ފުވައްމުލަކަށް ގެންދަން ނިންމައި މިއަދު ހެނދުނު އެ ޖަނަރޭޓަރު ބަލައި ދޯންޏެއް ފޮނުވި ކަމަށް ފެނަކައިން ބުނެއެވެ. އެ ދޯނި ދިއުމުން އެ ރަށުން ބަޔަކު ނިކުމެ ވަނީ އިހްތިޖާޖުކޮށް އެ ދޯނީގައި ތިބި ފަޅުވެރިންނަށް ބިރު ދައްކާފައި ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނީ އެ ކުންފުނީގެ އެއް ބްރާންޗްގައި ބޭނުން ކުރަން ގެންގޮސްފައި ހުރި ހަރު މުދަލެއް އެ ކުންފުނިން ދޭ ހިދުމަތަށް ބުރޫ ނާރާނެ ގޮތަކަށް އެހެން ބްރާންޗަކަށް ބަދަލު ކުރުމުގެ އިހްތިޔާރު އެ ކުންފުންޏަށް ލިބިގެން ވާ ކަމަށެވެ. އަދި ފުވައްމުލަކުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފް އެންމެ އަވަހަކަށް ހައްލު ކުރުމުގެ މަގު ފަހިވާން ޖެހޭނެ ކަމަށާއި ހިދުމަތް ދޭ ހުރިހާ ރަށެއްގައި ވެސް އެއް ހަމައަކުން ހިދުމަތް ދިނުމަށް މަގު ފަހިވާން ޖެހޭނެ ކަމަށް ފެނަކައިން ބުނެއެވެ.
ވީމާ މި މައްސަލައިގައި ކަމާ ގުޅޫން ހުރި ފަރާތްތަކާ ވާހަކަ ދައްކައި ސުލްހަވެރިކަމާއެކު ގދ. ގައްދޫގައި ހުރި ޖަނަރޭޓަރު ފުވައްމުލަކަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.