ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޓިކެޓް ކަށަވަރު ކުރާނެ މީހުން ކަނޑައަލާ މަޖިލީސް ޕްރައިމަރީގެ ވޯޓުލުމުގައި ހަމަނުޖެހުން ހިނގައިފިއެވެ.
މިއަދު ހެންވޭރު ދަނޑުގެ އިތުރުން ބައެއް ސްކޫލުތަކުގައި ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖައްސާފައި އޮތް އިރު، ހަމަނުޖެހުން ހިނގާފައި ވަނީ ހެންވޭރު ދާއިރާތަކުގެ ބައެއް ފޮށިތަކުގައެވެ. އެގޮތުން ކަލާފާނު ސްކޫލުގައި ހުރި ހެންވޭރު މެދު ދާއިރާ އާއި ހެންވޭރު ދެކުނު ފޮށި ކައިރީގައި ހަމަނުޖެހުން ހިނގާފައި ވާ އިރު އެ ހަމަނުޖެހުމާ ގުޅޭ މަންޒަރުތައް ވެސް ވަނީ ސޯޝަލްމީޑިއާ ގައި އާންމު ވެފައެވެ.
'ދަ ޕްރެސް' އަށް އެނގިފައި ވާ ގޮތުން ހަމަނުޖެހުން ހިނގީ ވޯޓުލާ ލިސްޓުގައި ކުރިން ނަން އޮތް ކަމަށް ބުނި ބައެއް މީހުންގެ ނަން ފަހުން ގެންގުޅުނު ލިސްޓެއްގައި ނެތް ކަމަށް ބުނެއެވެ. ނަމަވެސް މިކަން އެ ކޯލިޝަންގެ އިންތިހާބާ ބެހޭ ކޮމިޓީގެ ފަރާތުން އަދި ސާފުވާ ގޮތެއް ނުވެއެވެ.
އެ ހަމަނުޖެހުމުގައި ޒުވާބު ކޮށް އެކަކު އަނެކަކުގެ ގަޔަށް އަތްލައި ހަދާފައި ވެއެވެ. އަދި ހަމަނުޖެހުން ހުއްޓުވުމަށް ފުލުހުންވެސް ވަނީ ހަރަކާތްތެރި ވެފައެވެ.
ކަލާފާނު ސްކޫލުގެ އިތުރުން ވޯޓު ލުމުގެ ކަންކަން ހިނގަމުންދާ ހެންވޭރު ބޯޅަ ދަނޑުގެ ތެރޭގައި ހުރި ޓެންޓްގައިވެސް ޒުވާބު ހިނގާފައި ވެއެވެ.
މިއަދި ހެނދުނު 10 ޖެހި އިރު ފެށި ވޯޓުލުން މިއަދު ހަވީރު 5 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވާ އިރު މިއީ އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު އޮންނަ މަޖިލީސް އިންތިހާބަށް ކޮންގްރެސް އިން ނިކުންނަ ކެންޑިޑޭޓުން ހޮވިގެންދާނެ އިންތިހާބެވެ.
މި އިންތިހާބުގައި މާލެ އާއި އަތޮޅުތެރޭގެ ރަށްތައް ހިމެނޭހެން ޖުމްލަ 227 ފޮށި ބަހައްޓާފައި ވާ އިރު އޮޓޯއިން ޓިކެޓް ލިބުނު 13 ދާއިރާ ނުލައި 73 ދާއިރާއެއްގައި ޕްރިމަރީ ކުރިއަށް އެބަދެއެވެ. އަތޮޅުތަކުގެ ފޮށިތައް ހެންވޭރު ދަނޑުގައި ހުރި އިރު ދެން ފޮށިތައް ހުރީ ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރު، ކާމިލްދީދީ ސްކޫލް (ހުޅުމާލެ)، ރެހެންދި ސްކޫލް (ހުޅުމާލެ) އެވެ.
މި އިންތިހާބުގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރާ އިރު 71،597 މީހަކަށް ވޯޓުލެވޭކަމަށް ޕީޕީއެމް/ޕީއެންސީ އިން ބުނެއެވެ.