ޕްރޮގްރެސިވް ކޮންގްރެސްގެ މަޖިލީސް ޕްރައިމަރީ އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު ކުރިއަށް ދާ ޕްރޮގްރެސިވް ކޮންގްރެސްގެ ޕްރައިމަރީ އަމާންކޮށް ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރަމުން އިސްމާއީލް ހަބީބު 'އެކްސް'ގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް، މި އިންތިހާބަކީ، މިނިވަންކަމާއި، އިންސާފުވެރިކަމާއެކު ބޭއްވޭ ދެފުށް ފެންނަ އިންތިހާބަކަށް ހެއްދުމަށް އެދޭކަމަށެވެ. އަދި ކެންޑިޑޭޓުންނާއި ވޯޓުލާމީހުންގެ ހައްގުތައް ރައްކާތެރިކޮށް، އަމާންކަމާއި އޮމާންކަމާއެކު އިންތިހާބުގެ ހުރިހާ ކަމެއް ގެންދިއުމަށް އިސްމާއީލް ހަބީބް ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 17:00 އަށް ކުރިއަށް ގެންދާ މި އިންތިހާބުގައި:

- ފޮށިތަކުގެ އަދަދު: 227

- ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ އަދަދު: 73

- ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު: 283

މި ޕްރައިމަރީގައި މާލޭގައި ބެހެއްޓިފައިވާ އަތޮޅުތަކުގެ ފޮށިތައް ބެހެއްޓިފައި ހުންނާނީ ހެންވޭރު ދަނޑުގައެވެ. މީގެ އިތުރުން މާލޭ ރައްޔިތުން ވޯޓުލުން ކުރިއަށް ދަނީ ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް (ހުޅުމާލެ)، ރެހެންދި ސްކޫލް (ހުޅުމާލެ)ގައެވެ.