ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމުގެ ދިރާސާ މަސައްކަތް ކުރުމަށް އަންނަކަމަށް ދިވެހި ބަހާ ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ޅެންވެރިންގެ ދުވަަސް ފާހަގަކުރުމަށް ގދ. ތިނަދޫގައި ބޭއްވި ރަސްމީ ޖަލްސާގައި އާދަމް ނަސީރު ވިދާޅުވީ ބޭރުގެ ގައުމުތަކުގައި ޅެންވެރިކަމަކީ ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދުމުގައި ބޭނުންކުރާ ވަސީލަތެއް ކަމަށާއި ޅެންވެރިކަމަކީ، ހަމައެކަނި މުނިފޫހި ފިލުވުމަށާއި އިހުސާސްތަކާ ކުޅެލުމަށް އޮތް ލިޔެލާ ބަސްކޮޅެއް ނޫން ކަމަށެވެ.
ޅެންތައް ބޭނުންކޮށްގެން ފަރުވާދިނުމަކީ ނަފްސާނީ ބަލިތައް ތަހައްމަލު ކުރާ މީހުންނަށް އުފާވެރިކަން ގެނެސްދޭ ކަމެއްކަން ފާހަގަ ކުރައްވަމުން އާދަމް ނަސީރު ވިދާޅުވީ މިއީ ހިތްވަރު އާލާކުރެވި ފިކުރުތަކާއި ދުރުކުރެވޭނެ ކަމެއް ކަމަށް ދުނިޔޭގެ ދިރާސާތަކުން ދައްކައިފައިވާ ކަމަށެވެ.
ދުނިޔޭގެ ކުރިއަރައިފައިވާ ގައުމުތަކުގައި ޅެން ބޭނުން ކޮށްގެން ނަފްސާނީ ފަރުވާ ދެމުން އަންނަކަން ފާހަގަ ކުރައްވަމުން ނަސީރު ވިދާޅުވީ ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމަށް އެ ކަމާ ގުޅުންހުރި ދިރާސާތަކާއި އަދި މަސައްކަތްތައް އެ ވުޒާރާއިން ކުރަމުންދާ ކަމަށެވެ. މި މަސައްކަތް ކާމިޔާބު ވެއްޖެނަމަ ދިވެހި ޅެންތަކަށް އިތުރު ދަރަޖައެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ކުރެވިދާނެކަމެއް ކަމަށާއި އަދި ކުރަންވެއްޖެ ކަމެއް ކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ.
މީގެ އިތުރުން އާދަމް ނަސީރު ވިދާޅުވީ ރާއްޖޭގެ ގައުމިއްޔަތު އިއާދަ ކުރުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތުގައި ޅެންވެރިކަމަށް ހާއްސަ އިސްކަމެއް ދޭނެއެވެ.