ޕޯޗުގީޒުގައި އަރުޝީފުކުރެވިފައިވާ ދިވެހި ތާރީހާއި ތަރިކައާ ބެހޭ މައުލޫމާތު ހޯދުމަށް އެ ގައުމުގެ ތަރީހާއި ސަގާފަތް ދިރާސާ ކުރުމުގެ ތަޖުރިބާކާރެއް ކަމުގައިވާ ރޮބާޓް ޑީ ޖިއާކޯމޯ އާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށް ދިޔައީ އިއްޔެ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ޕޯޗުގީޒުގައި ހުރި ދިވެހީންގެ ތާރީހާއި ދިވެހީންގެ ދިރިއުޅުމާ ގުޅިފައި ހުރި ތަރިކަތަކުގެ މައުލޫމާތު ހޯދުމުގެ ގޮތުން, ދިވެހީންނާއި ޕޯޗުގީޒުންނާ ދެމެދު ހިނގާފައިވާ މުއާމަލާތްތަކާއި, ޕޯޗުގީޒުން ލިޔެފައިވާ ދިވެހީންނާ ބެހޭ ލިޔެކިޔުންތަކުގެ މައުލޫމާތު ހޯދުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރޮބާޓް ވިދާޅުވީ އޭނާގެ ފަހުގެ ގިނަ މަސައްކަތްތައް ހާއްސަވެފައި ވަނީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތާރީހާއި ސަގާފަތާއި ތަރިކަތައް ދިރާސާ ކުރުމުގެ އިތުރުން އެ ގައުމުތަކުގެ ތާރީހީ ސަގާފަތަށް ގާނޫނީ ގޮތުން ރައްކާތެރިކަން ހޯދައިދިނުމުގެ ދާއިރާއިން ކަމަށެވެ. އަދި ދިވެހިރާއްޖެ ފަދަ ދުވަސްވީ ވަޒަންވެރިކަމަކާއި ސަގާފަތެއް އޮތް ގައުމެއްގެ ތަރިކަ މުއްސަނދި ކުރުމަށް ޝައުގުވެރިކަން ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ގައުމުގެ މީހުންނާއި ދިވެހިންނާ ގުޅުން ހުރި ހާދިސާތައް ހިމެނޭ ފޮތްތައް ޕޯޗުގީޒް އަރުޝީފުތަކުގައި ހުރި ކަމާއި, ދިވެހިން ބޭނުންކޮށް އުޅުނު ގަހަނާ އެ ގައުމުގެ ދާރުލްއާސާރުގައި މިހާރުވެސް ފެންނަން ހުރިކަން ރޮބާޓް ވަނީ ފާހަގަކުރައްވާފައެވެ. ތަރިކަ ރައްކާ ކުރުމަށް ދުނިޔޭގެ ފެންވަރުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެ، އަމިއްލަވަންތަކަމާއި ގައުމިއްޔަތު ހިމާޔަތްކުރުމުގެ މުހިންމުކަމަށް ރޮބާޓް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމަށް ފަހު ވަޒީރު އާދަމް ނަސީރު އަރިހުގައި ރޮބާޓް ވަނީ ކަޅުއޮށްފުންމިގެ ނަކަލްގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް ވަޑައިގެން އެ އޮޑި ބައްލަވާލައްވާފައެވެ.

މީލާދީން 1558 އިން 1573 އަށް ދިވެހިރާއްޖެ އޮތީ ޕޯޗުގީޒުންގެ އަޅުވެތިކަމުގައެވެ. މި އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވީ އައްސުލްތާނުލްޣާޒީ މުހައްމަދު ތަކުރުފާނުލްއައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނާއި ( ބޮޑުތަކުރުފާނު ), އެރަދުންގެ އަހުންނާއި ބައެއް އެކުވެރީން އިސްވެއެވެ. ކޮންމެ ހިޖްރީ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާން އާ ކުރުމަށެވެ.