ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމިޓީން "ޕޮއެޓްރީ ތެރަޕީ" އަށް ދިވެހިބަހުން ކިޔާނެ ނަމަކީ "ޅެން ފަރުވާ" ކަމަށް ކަނޑައަޅައި، އެ ނަން ފާސްކޮށްފިއެވެ.

ބަސްކޮމިޓީގެ ނިންމުމުގައި ވަނީ ދިވެހިބަހުގައި އެ ނަމުގެ މާނައަކީ "ބަލި މީހާގެ އިހްސާސްތަކާއި އުދާސްތަކާއި ގުޅޭ ޅެންހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެއް ކަމަށެވެ. އަދި މިއީ ގަދީމީ ޒަމާނުއްސުރެ ހަޟާރަތްތަކުގައި ނަފުސީ ތަފާތު ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރަމުން އަންނަ ތަރީގާއެއް ކަމަށެވެ.

މި ނަން މިހާރު ބަސްފޮތުގައި ހިމަނާފައިވާ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އެ ވުޒާރާއިން ބުނީ ޅެންފަރުވާގެ އިލްމީ ދިރާސާތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ދެމެދު އެކުލަވައިލެވިފައިވާ ފަހުމުނާމާގައި ސޮއި ކުރުން އަންނަ ބުދަ ދުވަހު އޮންނާނެ ކަމަށެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ މި ފަހުމުނާމާގެ ދަށުން ޅެންފަރުވާއާ ބެހޭ އިލްމީ ދިރާސާތައް ކުރުމާއި ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފުސީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ އުސްލޫބުތަކުގެ މައްޗަށް ދިރާސާތައް ކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރަށް، ދިވެހިބަސް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ތަފާތު އެހެނިހެން ދިރާސާތައް ކުރުން ވެސް މި ފަހުމުނާމާގެ ދަށުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއެކު ކުރުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

​ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ހާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމުގެ ދިރާސާއެއް ކުރާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް އިއުލާނު ކުރައްވާފައި ވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ގދ. ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ޅެންވެރިކަމާއި ބަހުގެ އެ ފަދަ ފަންނުތަކުން ދުނިޔޭގެ ކުރިއަރައިފައިވާ މުޖުތަމައުތަކުގައި ހިފާ އިލްމީ ބޭނުންތައް ދިވެހި ބަހުން ދިވެހީންގެ ތެރޭގައި ވެސް އޮތުމަކީ ދިވެހީންގެ އަމިއްލަވަންތަކަމާއި ތަހުޒީބަށް ޓަކައި މުހިންމުކަމެއް ކަމަށެވެ.

​ޅެންފަރުވާގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ދާއިރާގެ ފަންނީ ބޭފުޅުންނާ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، މެންޓަލް ހެލްތް ސެންޓާ، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓާ އަދި ދަމަަނަވެށީގެ ފަންނީ ބައެއް ބޭފުޅުންނާއެކު ވަނީ މަޝްވަރާކޮށްފައެވެ.