ހަފްތާ14 ގައި ރައީސްގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ދިވެހި ތަރިކައިގެ ކޮލެޖުގެ 'ކަރުދާހީ' މަސައްކަތް ނިމި، އެ ކޮލަޖަށް ބޭނުންވާ އިދާރީ ފަރާތްތަކުގެ ނަން ފޮނުވުމާ ހިސާބަށް ގޮސްފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރުު ވިދާޅުވެއްޖެއެވެ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހާއްސަ ސިޔާސަތުގެ ދަށުން ކުރެވެމުންދާ ކަންތައްތައް ރައްޔިތުންނާ ހަމަައަށް ގެނެސްދިނުމަށް އެ މިނިސްޓްރީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ ގައުމީ މަޝްރޫއުގައި ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެ ގޮތުން މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ތެރޭގައި ހިމެނެނީ ދިރާސާ ކުރާ މަރުކަޒާ، ޗާޕުހާނާ އަދި ތަރިކައިގެ ކޮލެޖުކަމަށެވެ.

ދިރާސާ ކުރާ މަރުކަޒުން ކުރާނެ މަސައްކަތްތަކަކީ ފީލްޑް ރިސާޗްތައް ހެދުންކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެކަމަށްޓަކައި 60 ދިރާސާވެރިން ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ވިލަރެސް ވެރިންނާ 50 އަމަލީ މަސައްކަތްކުރާ މީހުންކަން ހާމަކޮށް މިނިސްޓަރު ވިދާޅުވީ މިހާރު 10 ވިލަރެސްވެރިން ނަގާ މަސައްކަތް ފެށިފައިވާކަމަށެވެެ.

މީގެ އިތުރުން މިނިސްތަރު ވިދާޅުވީ ދިވެހި ތަރިކައިގެ ކޮލެޖުގެ ސިގްނޭޗާ ރީސާޗް ޕްރޮގްރާމްތައް އުފައްދާ އޭގެ މުގައްރަރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. އޭގެ ތެރެއިން މިހާރުވެސް ބައެއް މުގައްރަރުތައް ނިމި ފާސްކުރެވިފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިހާރު ތާރީހީ މުގައްރަރު އެއްކޮށް ނިމިފައިވާކަމަށެވެ.

މިކޮލެޖުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގުޅޭ ގޮތުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތުގައި ބައިވެރިކުރާނެ ފަރާތްތައް ނިންމާނީ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ފަހު ކަމަށެވެ. މިގޮތުން މި ކޮލެޖުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލުތައް ކިޔައިދީގެން މުޅި ރައްޖެއާއި ގުޅިގެން ކުރާ މަސައްކަތެއްގެ ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ފެށިފައިވާކަން ހާމަކޮށް އާދަމް ނަސީރު ވިދާޅުވީ އެ މިނިސްޓްރީން މިހާރުވެސް ކޮންމެ ހަފްތާއަކު 10 ނުވަތަ 15 މީހުންނާ މަޝްވަރާކުރެވި މައުލޫމާތު ހިއްސާކުރަމުން ދާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދިވެހި ތަރިކައިގެ ކޮލެޖުގައި ކޮންމެ ނަކަތަކު އަދި ކޮންމެ މޫސުމަކު ކުރަންޖެހޭ މަސައްކަތްތައް ހުންނާނެކަމަށެވެ. އަދި ކޮންމެ އަހަރަކު ޗާޕްކޮށް ނެރެން ޖެހޭ ލިޔުންތައް ހުންނަކަމަށާއި ދިވެއްސަކު ފޮތެއް ލިޔެފިނަމަ އެ ފޮތެއް ޗާޕުކޮށް ނެރެންވެސް ޖެހޭނެކަމަށެވެ. އަދި އެ މަސައްކަތްކުރުމަށް ބޭނުންވާ ދިވެހި ރާއްޖޭގެ ގައުމީ ޗާޕުހާނާއެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ ގައުމީ ތަރިކަ އާލާކޮށް އިޔާދަކުރުމަށް ބޭނުންވާ މަޝްރޫއެއް އެކަށައަޅާ، އެ މަޝްރޫއު ހިންގުމަށް ބޭނުންވާ އިބްތިދާއީ މަސައްކަތްތައް ކާމިޔާބުކުރެވިފައިވާކަމަށެވެ.