ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރި ހަސަން ޝަރީފްއަށް، ބިދޭސީން ކުށްތަކަށް އަރައިގަންނަ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ޓާސްފޯސްއިން ޖާގަ ދޭން ނިންމައިފިއެވެ.

ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކްގައި މި މަހުގެ 16 ވަނަ ދުވަހު ހަސަން ޝަރީފް ހިއްސާ ކުރި ވީޑިއޯ ކްލިޕެއްގައި ބުނެފައި ވަނީ މި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން ނޫން ކަމަށާއި އެއާ ހިލާފަށް ނުގަވާއިދުން ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި އުޅުމަކީ މާ ބޮޑު ނުރައްކަލެއް ކަމަށް ބުނެފައި ވެއެވެ.

އެކި އެކި މީސްމީޑިއާގައި އެ ވީޑިއޯ ވައިގެ ހިފާލިއިރު އޭނާ ބުނާ ގޮތުގައި ނުގަވާއިދުން އުޅޭ ބިދޭސީން ދަނީ ދިވެހިންގެ ފަޅުރަށްރަށާއި މަސްދޯނިތަކާއި ވިޔަފާރިތައް ވެސް ކޮންޓްރޯލް ކުރަމުންނެވެ. އަދި ހަމައެހެންމެ މިގައުމުގެ 99 ޕަސެންޓް ވިޔަފާރި ކޮންޓްރޯލް ކުރަނީ ނުގަވާއިދުން އުޅޭ ބިދޭސީން ކަމަށް އޭނާގެ އެ ވީޑިއޯގައި ބުނެފައި ވެއެވެ.

https://www.tiktok.com/@shareef1988/video/7324744545839648002

ހޯމްލޭންޑް މިނިސްޓަރު، އަލީ އިހުސާން މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ މިއަދު ހަސަން ޝަރީފް އާ ބައްދަލު ކުރެއްވި ކަމަށާއި އެ ވީޑިއޯގައި އޭނާ ހިއްސާ ކޮށްފައިވާ ކަންކަމަކީ މި ސަރުކާރުންވެސް ހައްލުކުރަން މަސައްކަތް ކުރަމުންދާ މައްސަލަތައް ކަމަށެވެ.

އެހެން ކަމުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އުފައްދާފައިވާ ޓާސްކްފޯސްގައި ބައިވެރިވުމަށް ހަސަން ޝަރީފަށް ދައުވަތު ދެއްވާނެ ކަމަށް މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު މި ކަމަށް އެދެވޭ ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ ނުކުޅެދިފައެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އިތުރުވެ މުޖްތަމައުގައި ހިނގާ ނޭދެވޭ އެތައް ކަމެއްގައި އެމީހުންގެ ދައުރު އޮވެއެވެ. އެގޮތުން މަސްތުވާތަކެއްޗާ ވައްކަން ފަދަ މުޖްތަމައުގައި ހިނގަމުންދާ ބޮޑެތި ކުށްތަކަށް އަރައިގަންނަ ބިދޭސީން ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.

ބިދޭސީ މީހުންނާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރުން ދާދިފަހުން ހިއްސާ ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި ގެނެސްފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން އެކްޓިވް ވޯކް ޕާމިޓް އޮތް ބަންގްލަދޭޝްގެ 139،220 މީހުން ރާއްޖެ އައިސްފައިވާއިރު ލިސްޓުގެ ދެވަނައިގައި އޮތީ އިންޑިއާ އެވެ. އެއީ އެގައުމުގެ 94،553 މީހުންނެވެ. އަދި ލަންކާއިން 30،817 މީހުންނާއެކު ލިސްޓުގެ ތިންވަނައިގައި އޮތީ ލަންކާއެވެ.