ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުން އަންނަ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީގައި 283 މީހަކު ވާދަކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕްރައިމަރީއާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ޗެއާޕާސަން އަދި ރައީސްގެ އިސް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން 296 ފަރާތެއް ހުށަހަޅާފައިވާ އިރު އޭގެތެރެއިން 13 ފަރާތަކަށް ޕްރައިމަރީގައި ވާދަނުކޮށް ޓިކެޓް ކަށަވަރުވެފައިވާ ކަމަށެވެ. އެހެންކމުން ޕްރައިމަރީގައި ދެން ވާދަކުރާނީ 283 ފަރާތެއް ކަމަށާއި އޭގެތެރެއިން 32 ފަރާތަކީ އަންހެނުން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ނިމިދިޔަ ޕްރައިމަރީ ތަކަށް ބަލާއިރު ވެސް އެންމެ އަމާންކޮށް ޕްރައިމަރީ ކުރިއަށް ގެންގޮސްފައި ވަނީ ޕީއެންސީ ޕީޕީއެމުން ކަން ފާޙަގަ ކުރައްވަމުން އަދުރޭ ވިދާޅުވީ ކުރިއަށް އޮތް ޕްރައިމަރީއަކީ ވެސް ވަރަށް އަމާންކޮށް ކުރިއަށް ދާނެ ކާމިޔާބު ޕްރައިމަރީއަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ކުރިން ބޭއްވި ޕްރައިމަރީތައް ވެސް ސުލްހަވެރިކަމާ އެކު ކުރިއަށް ގެންގޮސްފައި ވަނީ ރައްޔިތުންގެ އެއްބާރުލުން ލިބުމުން ކަމަށާއި މި ޕްރައިމަރީގައި ވެސް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް އަދުރޭ އެދިވަޑައިގަތެވެ.

ކުރިއަށް އޮތް ޕްރައިމަރީގެ ކަންކަން ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާނީ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު އާއި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ކަމަށް އަދުރޭ ވިދާޅުވިއެވެ. އެ ކޯލިޝަން އިން ކުރިއަށް ގެންދާ މި ޕްރައިމަރީގެ ކަންކަން އިދާރީ މުއައްޒަފުންނާ ގުޅިގެން އެ ދެބޭފުޅުން އިސްވެގެން ހުރެ ކަންކަން ކުރިއަށް ދާނެ ކަމަށާއި އެއްވެސް ސުވާލެއް އޮތް ނަމަވެސް އެ ދެ ބޭފުޅުންނަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އަދުރޭ އެދިވަޑައިގަތެވެ.

މީގެ އިތރުރުން ވޯޓު ފޮށީތައް ބަހައްޓާނެ ތަންތަނާ ގުޅިގެން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާއެކު އެއްބަސްވުމަކަށް ނާދެއްވިއްޖެ ނަމަ އެކަމުގައި ގޮތް ނިންމާނީ ޕާޓީ އޮފީހުން ކަމަށް އަދުރޭ ވިދާޅުވިއެވެ. ނަމަވެސް އަދުރޭ އެދިވަޑައިގެންފައި ވަނީ ވޯޓު ފޮށީ ބަހައްތާ ތަންތަން ކަނޑައެޅުމުގައި ކެންޑިޑޭޓުން އެއްބަސްވުމަކަށް އައިސްގެން ސުލްހަވެރިކަމާއެކު ޕްރައިމަރީ ކުރިއަށް ގެންދިއުމުގައި ކެންޑިޑޭޓުން ވެސް އެއްބާރުލުން ދިނުމަށެވެ.