2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމާ ހަވާލުވިއިރުވެސް އަތޮޅު ފިހާރަތަކަށް ފައިސާ ދެމުން ނުދާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަމީރު މިފަދައިން ވިދާޅުވެފައި ވަނީ ކައުންސިލަށް އިންތިހާބުވި އާ ތިން ކައުންސިލަރުން މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.
ރައީސް އެރޭ ވިދާޅުވީ، އަތޮޅު ފިހާރަތަކުން ފައިސާ ލިބެމުންދިޔަ ނަމަވެސް ފާއިތުވި ސަރުކާރުތަކުން އެ ފައިސާ އަތޮޅު ފިހާރަތަކާ ހަވާލު ނުކުރައްވާ ކަމަށެވެ. އެއާ ހިލާފަށް މި ސަރުކާރުން އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ ދެފުށް ފެންނަ ގޮތެއްގައި ހަވާލުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ އަރުއްވާފައެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވާ އަމީރު މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީ ސަރުކާރާއި ހަވާލުވި އިރު އަތޮޅު ފިހާރަތަކަށް 2014 ވަނަ އަހަރު ފަހުން ލިބުނު އެއްވެސް އާމްދަނީއެއް ކައުންސިލްތަކާ ހަވާލުކޮށްފައި ނުވާ ކަމަށެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ކުރިން ނުދެވި ހުރި އާމްދަނީ ކައުންސިލްތަކާ ހަވާލު ކުރަމުންދިޔަ ކަމަށް އަމީރު ކުރެއްވި ޕޯސްޓުގައި ވެއެވެ.
"2018 ވަނަ އަހަރު އެމްޑީޕީ ސަރުކާރާއި ހަވާލުވި އިރު އަތޮޅު ފިހާރަތަކަށް 2014 ވަނަ އަހަރުފަހުން ލިބުނު އާމްދަނީ ކައުންސިލްތަކާ ހަވާލުކޮށްފައިނުވޭ. 2019 އަހަރުން ފެށިގެން އަޅުގަނޑުމެން އައީ ކުރިން ނުދެވި ހުރި ކައުންސިލް އާމްދަނީ، އަތޮޅުކައުންސިލް މެދުވެރިކޮށް ދެމުން."
އަދި ހަމައެހެންމެ މީގެ ކުރިން ކައުންސިލްތަކަށް ފޮނުވަމުން ދިޔައީ ލިބޭ އާމްދަނީގެ 50 ޕަސެންޓުކަން ފާހަގަ ކުރައްވާ އަމީރު އިތުރަށް ވިދާޅުވީ 2022 ވަނަ އަހަރު ރައީސް ސޯލިހު ނިންމަވާފައި ވަނީ އާމްދަނީގެ 50 ޕަސެންޓުގެ ބަދަލުގައި ޖުމްލަ އާމްދަނީ ކައުންސިލްތަކާ ހަވާލު ކުރުމަށް ކަމަށާއި އެ ނިންމެވުމާއެކު އަތޮޅުފިހާރަތަކުގެ ޖުމްލަ އާމްދަނީ ކައުންސިލްތަކަށް ޖަމާކުރަމުން ދިޔަ ކަމަށެވެ.
މީގެ އިތުރުންވެސް އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީގެ އިތުރުން، މުޅިން އަލަށް ވެހިކަލް ތަކުން ލިބޭ ފީ، އެވެހިކަލް ދުއްވާ ރަށަކަށް، ސިޓީއަކަށް ދޭން ފެށީވެސް އެމްޑީޕީގެ ސަރުކާރުން ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުންވެސް އެރޭ ރައީސް މުއިއްޒު ވަނީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނުނަސް އަދި ނުހިމެނުނަސް ރަށެއް ނޫނިއްޔާ ފަޅެއް އާމްދަނީ އިތުރުކުރުމަށް ފުރުސަތު ހޯއްދަވާދެއްވާ ގޮތަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ނަފާ ހުރިހާ ރއްޔިތުންނަށް ލިބިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.