މި ސަރުކާރުން ދައުލަތުގެ ހަރުމުދާ ނުވިއްކާނެ ކަމަށާއި ފައިސާ ޗާޕު ނުކުރާނެ ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްދުދެއްވައިފިއެވެ.
ސައީދު މިފަދައިން ރައްދުދެއްވާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރާ "ޕީއެންއެފް" އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަށެވެ.
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ ކުރައްވާ ކަންތައްތަކާއި އިއުލާންކުރައްވާ ކަންތައްތަކަކީ ރައްޔިތުންގެ ހެވާ ލާބައަށް ކުރާ ކަންކަން ކަމަށާއި އެކަމާމެދު ޝައްކެތްވެސް ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ހައްތަހައި ވެސް ފެންނަނީ ހަރަދުތައް ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ހަރަދުތައް އިތުރުވަމުންދާއިރު އާމްދަނީގެ މަޝްރޫއުތަކެއް ނުފެންނާތީ ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެކަމާ ގުޅިގެން ސައީދު ވަނީ ދައުލަތާއިި މީގެ ކުރީން ހަވާލުވި ވެރީން އެ ބޭފުޅުންގެ ސަރުކާރުގެ ފުރަތަމަ 2މަސްދުވަހު ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް ކުރެއްވި އީޖާދީ މަސައްކަތަކީ ކޮބައިތޯ އައްސަވާފައެވެ. އަދި މި ސަރުކާރަކުން ދައުލަތުގެ ހަރުމުދާ ވިއްކުމާއި ގާނޫނު ތަޅުއަޅުވާފައި ފައިސާ ޗާޕުކުރުމާއި މާލީ ޒިއްމާއިން ރެކުމަކީ ކުރާނެ ކަމެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެންމެ ގާތް އެކުވެރި ގައުމެއްގެ ގޮތުގައި އޮތް އިންޑިއާއަށް އެކަނިވެސް ނިމުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 3،000 މިލިއަން އެމެރިކާ ޑޮލަރާ ގާތްކުރާ އަދަދަކަށް ދަރަނި ނަގާފައިވާ ކަމަށެވެ. އަދި ފަސް އަހަރުވެގެން ހަ އަހަރުވާއިރު ވެސް އެއާޕޯޓްގެ ކޯޑްއެފް ރަންވޭއަށް ޖައްސާ އެންމެ ބޮޑު މަތިންދާ ބޯޓު ޖައްސާ ޓާމިނަލް ނުނިމޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ އެއްވެސް ވަޒީރަކު ނޫނިއްޔާ މި ސަރުކާރުގެ އެހެން ވެސް މަސްއޫލުވެރި ބޭފުޅަކު އިގުތިސާދީ އާމްދަނީ ހޯދާނެ މިވެނި މިވެނި މަޝްރޫއުތައް ފަށާ ވާހަކައާއި އޭގެ ނަތީޖާ މިވެނި ދުވަހެއްގައި ފެންނާނޭ ކަމަށް ވިދާޅުވާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ފެށުނީންސުރެ މިހާ ހިސާބަށް މިއޮތީ ހަމަ ބޮޑެތި ދަރަންޏެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.