ގދ. ތިނަދޫ ކުނިކޮށީގައި ރޯކުރާތީ ސެކިއުރިޓީ ވަރުގަދަ ކުރަން ވެމްކޯއިން ނިންމައިފިއެވެ.

ތިނަދޫ ކުނިކޮށީގައި ވޭތުވެ ދިޔަ ދެ ހަފުތާގެ ތެރޭގައި 4 ފަހަރެއްގެ މަތިން ގަސްތުގައި ރޯކޮށްލާފައިވާ ކަމަށް ވެމްކޯއިން ބުނެއެވެ.

އެކަމަކީ ވެމްކޯއިން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަން ވެމްކޯއިން ވަނީ ފާޅުކޮށްފައެވެ. އަދި މިގޮތަށް ކުނިކޮށީގައި ރޯކޮށްލުމަކީ ކުނިކޮށި ވަށައިގެން ދިރިއުޅެމުންދާ އާންމު ރައްޔިތުންނަށް، ދުމާއި، ނުބައި ވަހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

ވެމްކޯއިން ބުނީ ކުނިކޮށީގައި ރޯކޮށްލާ އަލިފާންގަނޑު ނިއްވާލުމަށް ކޮންމެ ފަހަރަކު ފަޔާ އެންޑް ރެސްކިއު ޑިޕާޓްމެންޓްގައި އެދެންޖެހޭ ކަމަށެވެ. އަދި މިކަން ތަކުރާރުވަމުންދަނީ ވަކި މަގުސަދެއްގައި ކަމުގައި ވިޔަސް މިކަމުގެ ސަބަބުން ތަކުލީފު އުފުލަން ޖެހެނީ އާންމު ރައްޔިތުންކަން ވެމްކޯއިން ފާހަގަކުރިއެވެ.

މީގެއިތުރުން މިކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އެ ކޯޕަރޭޝަންގެ ފަރާތުން ކުނިކޮށި ބެލެހެއްޓުމުގައި ސެކިއުރިޓީ ވަރުގަދަ ކުރުން ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ވެމްކޯއިން ވަނީ ދީފައެވެ. އަދި ގދ. ތިނަދޫގެ ރަށު ކައުންސިލް އޮފީހުން ދޭ އެއްބާރުލުން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.