ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާގުޅޭ ގޮތުން ތަހުގީގެއް ކުރަން ނިންމާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފިއެވެ.
އެޗްއާރްސީއެމްއިން މިއަދު އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުންދާކަން އެ ކޮމިޝަނަށް ފާހަގަވެފައިވާ ކަަމަށެވެ.
އެހެންކަމުން ވެމްކޯގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން، އަވަސް ތަހުގީގެއް ހިންގަން ރޭ ބޭއްވި ހިއުމަން ރައިޓްސް ކޮމިޝަނުގެ ބައްދަލުވުމަކުން ނިންމާފައިވާ ކަމަށެވެ.
އެޗްއާރްސީއެމް އިން މިފަދައިން ބުނެފައިވާއިރު މާލޭގައި ހުންނަ ވެމްކޯ ސައިޓު ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހު، ވެމްކޯ ސައިޓު ތެރޭގައި ހިންގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައެއް އިއްޔެ އެ އިދާރާއަށް ހުށަހަޅާފައިވާ ކަަމަށެވެ.
ނަމަވެސް މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ދީފައި ނުވި ނަމަވެސް ސޯޝަލް މިޑިއާގައި މި ހާދިސާއާ ގުޅިގެން މައުލޫމާތު ހިއްސާ ކުރި ފަރާތަކުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ ދަންވަރު 3 ޖަހާކަށް ހާއިރު ކަމަށެވެ. ވެމްކޯ ވެހިކަލްގެ ޑަމްޕް ކުރާ ރޭމްޕް މަތިން ކޮންޓެއިނަރު ތެރެއަށް ޑްރައިވަރެއް ވެއްޓުނު އިރު އެމީހާ ވެއްޓުނީ 12 ނުވަތަ 13 ފޫޓު މަތިން ކަމަށް ވެސް އެ ފަރާތުން ބުނެފައި ވެއެވެ.
މީގެ އިތުރުން ވެސް ތިލަފުށި ސައިޓެއްގައި މަސައްކަތް ކުރާ ބިދޭސީއެއްގެ ގައިގައި އެކްސްކަވޭޓަރު ދަތްގަނޑުން ޖެހި ކުނިތަކުގެ ތެރެއަށް ވެއްޓި މަަރުވި ހާދިސާއެއްވެސް ދާދިފަހުން ހިނގާފައި ވެއެވެ. އެ މައްސަލައިގައި އެކްސްކަވޭޓަރު ދުއްވަން އިން މީހާ ހައްޔަރުކޮށް މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
