އައިފިލްމްސްގެ ފުރާޅުގެ ދަށުން ގެނެސްދޭޏް ހަމަޖެހިފައިވާ "ކަންބަޅި" ފިލްމުގެ ޓިކެޓް އޮންލައިންކޮށް ވިއްކަން ފަށައިފިއެވެ.

ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ބުނީ އިއްޔެ އިން ފެށިގެން ފިލްމުގެ ޓިކެޓް އޮންލައިންކޮށް ވިއްކަން ފަށާފައިވާ ކަމަށާއި ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކުން ޓެލެގްރާމް ނުވަތަ ވަޓްސްއެޕް ނުވަތަ ވައިބާ މެދުވެރިކޮށް 7242555 އަށް މެެސެޖުކޮށްލުމުން އެކަން ހަމަޖެހިގެންދާނެ ކަމަށެވެ. މެސެޖުކުރާއިރު ޓިކެޓް ނަގަން ބޭނުންވާ ތާރީހާއި ޓިކެޓް އަދަދު އެނގޭހެން މެސެޖުކުރުން މުހިއްމެވެ. ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ލިޔެ، އިއްލެ އަދި އަހްމަދު އިފްނާޒް ފިރާގް ގުޅިގެން ޑައިރެކްޓްކުރާ މި ފިލްމުގައި އިފްނާޒްގެ އެކްޓިން ވެސް ފެންނާނެއެވެ.

ފިލްމުގެ ލީޑުންގެ ގޮތުގައި ނުޒުހަތު ޝުއައިބު، ވާޝިޔާ މުހައްމަދު، ޝަރަފުއްދީން އަބްދުﷲ (ޝަރަފް) އަދި އިފްނާޒް ފެނިގެންދާނެއެވެ. ހަމައެއާއެކު ފިލްމަށް އަލަށް ތައާރަފްވާ އުމުރުން ހަ އަހަރުގެ ސާރާގެ މުހިއްމު ރޯލެއް ފިލްމުން ފެނިގެންދާނެއެވެ. އަދި އިޝްފާން ވެސް މި ފިލްމުން ދިވެހި ފިލްމު އިންޑަސްޓްރީ އަށް ތައާރަފްވެގެންދާނެއެވެ. މި ތަރިންގެ އިތުރުން ފިލްމުން ފެނިގެންދާނެ މުހިއްމު ތަރިންނަކީ ތާތި އާދަމް، މުޙައްމަދު އަފްރާހް، މޫސާ އަލީފް، ހާޒިފް މުހައްމަދު، އަލީ ނަދީހް (ޗަންނަ)، މުހައްމަދު ނަޖަހް އަހުމަދު ރައޫފް، ހުސައިން ސާމިހް މުހައްމަދު، ވިކީ، ފާތުމަތު ލަތީފާ އަދި ދީނާ އަހްމަދު (ޖެރީ) އެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ އިއްލެ އާއި އާސިމް އަލީއެވެ. އިއްލެގެ ތިން ފީޗާ ފިލްމެއް ވަނީ މިހާތަނަށް ނުކުމެފައެވެ. އެއީ "ބަވަތި"، "ނީނާ"، "ފްރީ ޑެލިވަރީ" އެވެ. ޝަހީދު ލެގަސީ މިއުޒިކް ހަދާ މި ފިލްމުގެ ކެމެރާމަން އަކީ ސަމާހް އިބްރާހިމް އެވެ.

އަންނަ މަހުގެ އެއް ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ދެ ޓްރެއިލާ އެއް މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ. ލަސްނުކޮށް ފިލްމުގެ ޓިކެޓް ގަނެލާށެވެ.