ގާނޫނުތައް ހެދިފައި ހުންނަ ގޮތުން ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމުގައި ގިނަ ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއިބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ އަދުލުގެ ގާނުނު ތަންފީޒު ކުރުމުގައި ގުޅިފައިވާ މުއައްސަސާތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަތުމަށާއި، އެގޮންޖެހުންތައް ހައްލުކުރުމަށް ހޯމް މިނިސްޓްރީގެ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ޔުނިސެފް ގުޅިގެން ބާއްވާ ޖުވެނައިލް ޖަސްޓިސް ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތުގައި އިހްސާން ވިދާޅުވީ އެކިއެކި އިދާރާތަކަށް ގާނޫނުތައް ހެދިފައި ހުންނަ ގޮތުން، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނެއް ފާސްކޮށް ތަންފީޒުކުރެވެމުން ދިޔުމަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ގާނޫނު ނެގެހެއްޓުމުގެ ދާއިރާއިން ނެގުނު އެންމެ މުހިއްމު އެއް ފިޔަވަޅުކަން ފާހަގަކުރައްވަމުން އިހްސާން ވިދާޅުވީ އެހެންނަމަވެސް މި ގާނޫނަށް ޒަމާނަށް އަންނަ ބަދަލުތަކާއި ކުށުގެ މާހައުލަށް އަންނަ ބަދަލުތަކާއި އެއްހަމަ އިސްލާހުތައް ގެނެވިފައި ނުވާކަމަށެވެ.

މީގެ އިތުރުން އިހްސާން ވިދާޅުވީ އެކި މުއައްސަސާތަކަށް މިނިޒާމުގެ އެކި ޒިންމާތައް ބެހިފައި އޮންނައިރު, ގާނޫނު ހެދިފައި ހުންނަ ގޮތުންނާއި އަދި ގާނޫނު މާނަކުރެވޭ ގޮތުން ޒިންމާ ފުށޫއަރާ ގޮތަށް އެބަހުރިކަމަށެވެ.

މި ރަސްމިއްޔާތުގައި އިހްސާން ވަނީ މިއަދު ފެށިގެން ދިޔަ ސިމްޕޯޒިއަމް ނިމިގެންދާއިރު ގާނޫނަށް ގެންނަން ބޭނުންވާ ބަދަލާއެކު ކުޑަކުއްޖާގެ ހައްގު ކަނޑައެޅިގެން ހިމާޔަތްކުރެވޭ ސާފު އިބާރާތުން އެކަކު އަނެކަކަށް ފުށޫ ނާރާ ގޮތަށް, ކިޔާއެއްޗެއް ރަނގަޅަށް ދޭހަވާގޮތަށް ބަދަލު ގެނެސް މަޖީލީހަށް ހުށަހެޅުމަށް، ތައްޔާރުވުމަށް އެދިވަޑައިގެންފައެވެ.