އަންނަ މަހުގެ އެއް ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ އައިފިލްމްސްގެ "ކަންބަޅި" ގެ ދެވަނަ ޓްރެއިލާ އެއް ދައްކާލައިފިއެވެ.
އެ ޓްރެއިލާ އިން ފެނިގެންދަނީ ފިލްމުގެ ލީޑު ތަރި ނުޒުހަތު ޝުއައިބު (އާލިއާ) އޭނާގެ ހަ އަހަރުގެ ދަރިފުޅާއެކު އާ ގެއަކަށް ބަދަލުވާން މަސައްކަތްކުރާ މަންޒަރެވެ. އަދި ތަށި އަނބުރާ މަންޒަރު އާ ސިހުރު/ފަންޑިތަ ހަދަން ބޭނުންކުރާ ފޮތެއްވެސް ޓްރެއިލާއިން ފެނިގެންދެއެވެ. ހަމައެއާއެކު މީހުންނަށް އާދަޔާ ހިލާފު ގޮތްތަކެއް ވާ މަންޒަރުވެސް ފެނިގެންދިޔައެވެ. ފިލްމުގެ ލީޑުންގެ ގޮތުގައި ނުޒުހަތު ޝުއައިބު، ވާޝިޔާ މުހައްމަދު، ޝަރަފުއްދީން އަބްދުﷲ (ޝަރަފް) އަދި އިފްނާޒް ފެނިގެންދާނެއެވެ. ހަމައެއާއެކު ފިލްމަށް އަލަށް ތައާރަފްވާ އުމުރުން ހަ އަހަރުގެ ސާރާގެ މުހިއްމު ރޯލެއް ފިލްމުން ފެނިގެންދާނެއެވެ. މި ތަރިންގެ އިތުރުން ފިލްމުން ފެނިގެންދާނެ ތަރިންނަކީ ތާތި އާދަމް، މުޙައްމަދު އަފްރާހް، މޫސާ އަލީފް، ހާޒިފް މުހައްމަދެވެ. އަދި ފިލްމުން ދިވެހި ފިލްމު އިންޑަސްޓްރީއަށް އަލަށް ތައާރަފްވާ ތަރިންގެ ތެރޭގައި މުހައްމަދު އިޝްފާން، އަލީ ނަދީހް (ޗަންނަ)، މުހައްމަދު ނަޖަހް އަހުމަދު ރައޫފް، ހުސައިން ސާމިހް މުހައްމަދު، ވިކީ، ފާތުމަތު ލަތީފާ އަދި ދީނާ އަހްމަދު (ޖެރީ) ފެނިގެންދާނެއެވެ.
ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ޑައިރެކްޓްކުރާ ހަތަރު ވަނަ ފިޗާ ފިލްމު "ކަންބަޅި"ގެ ޑައިރެކްޓަރެއްގެ ގޮތުގައި އަހްމަދު އިފްނާޒް ފިރާގު ވެސް ހަރަކާތްތެރިވާނެއެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ އިއްލެ އާއި އާސިމް އަލީއެވެ. އިއްލެގެ ތިން ފީޗާ ފިލްމެއް ވަނީ މިހާތަނަށް ނުކުމެފައެވެ. އެއީ "ބަވަތި"، "ނީނާ"، "ފްރީ ޑެލިވަރީ" އެވެ. ޝަހީދު ލެގަސީ މިއުޒިކް ހަދާ މި ފިލްމުގެ ކެމެރާމަން އަކީ ޒުވާން ކެމެރާމަން ޝިވާޒް (މާސްކޭ)އެވެ.