މީހުން ދިރިއުޅޭ 30 ރަށެއްގައި ގާއިމް ކުރާ ސޯލާ ޑީސަލް ހައިބްރިޑް ކަރަންޓު ނިޒާމުގެ ސަބަބުން އަހަރަކު 37 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ތޯރިގް މިފަދައިން ވިދާޅުވެފައި ވަނީ ޕްރިޕެއަރިންގް އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓް ގެ ދަށުން ކ.، އއ.، އދ. އަދި ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ (30) ރަށުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމުތައް ގާއިމުކުރުމުގެ ކޮންޓްރެކްޓުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިއީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓުގެ ހިދުމަތުގެ ޔަގީންކަން އިތުރުކުރުމަށް ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 5.88 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފެއްދޭނެ މަގުފަހި ވެގެންދާނެއެވެ. އަދި ހަމައެހެންމެ 4.45 މެގަވޮޓު އަވާ ގެ ބެޓެރީ އެނާޖީ ސްޓޯރޭޖު ގާއިމުކުރަށްވެސް މި މަޝްރޫއުގެ ދަށުން ވަނީ ނިންމާފައެވެ.
މި ނިޒާމުގެ ސަބަބުން އަހަރަކު 2.4 މިލިއަން ލިޓަރުގެ ޑީސަލް ސަލާމަތްކޮށް އަހަރަކު 37 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ތޯރިގް ވަނީ ވިދާޅުވެފައެވެ. އަދި ހަމައެހެންމެ ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 6500 ޓަނުގެ ކާރބަންޑައި އޮކްސައިޑް އިކްއިވެލަންޓް މަދުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
2028ގެ ނިޔަލަށް ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ބޭނުންވާ ހަކަތައިގެ 33 ޕަސެންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަކީ މި ސަރުކާރުގެ އެއް އަމާޒުކަމަށްވާއިރު ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށް، ކަރަންޓު އުފެއްދުން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށާފައެވެ.
މީގެ އިތުރުންވެސް ހަމައެކަނި ޑީސަލުން ކަރަންޓު އުފައްދާގޮތަށް ރަށްރަށުގައި ގާއިމުކޮށްފައިވާ ދުވަސްވީ ވަސީލަތްތަކުގެ ބަދަލުގައި ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލުކުރުމަކީވެސް ސަރުކާރުގެ އެއް އަމާޒެވެ.
މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާތާ ދޮޅު އަހަރެއްގެ ތެރޭގައި ހުރިހާ ރަށެއްގެ މަސައްކަތްތައް ނިންމާ، އެ ރަށްރަށުގައި ތަރައްގީކުރާ ހައިބްރިޑް ނިޒާމުތައް ބޭނުންކުރަން ފެށޭނެއެވެ. އަދި އެތަންތަކުގައި ހަރަކާތްތެރިވާ މުވައްޒަފުން އެނިޒާމުތަކަށް އަހުލުވެރިކުރުވުމަށް ރާއްޖެއާއި ރާއްޖޭން ބޭރުގައި ތަމްރީނުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "މަގޭ ސޯލާ" ނަމުގައި ޕްރޮގްރާމެއްވެސް ވަނީ ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން މިދިޔަ ނޮވެމްބަރު މަހު އިފްތިތާހް ކޮށްފައެވެ. މިއީ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި ތެލުން އުފައްދާ ހަކަތަ ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ.