އިލެކްޝަން ކޮމިޝަން (އީސީގެ) ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއީލް ހަބީބްގެ ދައުރު ހަމަވާތީ އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އީސީގެ މެންބަރަކު އައްޔަންކުރުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން އިއްޔެ ވަނީ ހުޅުވާލާފައެވެ.
އީސީގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 30 ވާ އަންގާރަ ދުވަހުގެ 12:30 ގެ ނިޔަލަށެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 29 އަދި 30 ވަނަ ދުވަހު، ހެނދުނު 08:30 އިން މެންދުރު 12:30 އާ ދެމެދު ރައީސް އޮފީހުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓް އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.
އީސީގައި 2 ވަނަ ދައުރު އަދާ ކުރަމުން އަންނަ ހަބީބްގެ ދައުރު ހަމަވާނީ އަންނަ މާޗު މަހުއެވެ. އީސީގެ މެންބަރު ކަމުގެ ދައުރުގެ މުއްދަތަކީ 5 އަހަރެވެ.
އީސީގައި ކޮމިޝަންގެ ރައީސާއެކު ޖުމްލަ ފަސް މެމްބަރުން ތިބޭއިރު އެ ކޮމިޝަނުގެ މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.