ހއ. ދިއްދޫ ފެނަކައިގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކިކުރި މައްސަލާގައި އެމްޑީޕީއިން އެކަން ކުށްވެރި ކޮށްފިއެވެ.
ކޮންޓްރެކްޓް އުސޫލުން ދިއްދޫ އިންޖީނުގެއަށް ނަގާފައި ތިބި މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވެގެން އެ މީހުން ވަޒީފާއިން ވަކިވުމާ ގުޅިގެން ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީއިން ބުނީ ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަޒީފާއަށް ނަގާފައިވާ ފަރާތްތައް އެއްވެސް ހަމައެއް އުސޫލެއް ނެތި އެމީހުންގެ ވަޒީފާތަކުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަކިކުރަމުންދާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ.
ރައީސް ޑރ މުއިއްޒު ވަނީ ރިޔާސީ ކެމްޕެއިންގައި ސަރުކާރުގެ ވަޒީފާއެއްގައި ހުރި އެއްވެސް މުވައްޒަފަކު އެމަނިކުފާނުގެ ސަރުކާރުގައި ވަކިނުކުރާނެ ކަމަށް ވައުދުވެވަޑައިގެންފައި ވާ ކަމަށާއި އެހެންނަމަވެސް ސަރުކާރަށް 60 ދުވަސް ނުވަނީސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ ކަނޑައެޅިގެން ހިލާފަށް ސަރުކާރުގެ ކުންފުނިތަކުގައި ތިބި އެތައް ސަތޭކަ މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިފަދައިން ނިންމީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމުގައި އެމްޑީޕީއިން ދެކޭ ކަމަށާއި ވަކި ސިޔާސީ ޕާޓީއަކަށް ތާއީދު ކުރުމަކީ އެއްވެސް ރައްޔިތެއްގެ ވަޒީފާ އަދާކުރުމުގެ ހައްގަށް އެއްވެސް މިންވަރަކަށް ހުރަސްއަޅާ އެ ހައްގުން މަހުރޫމު ކުރުމަށް އެއްވެސް ފަރާތަކަށް އޮތް ހައްގެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.
އެމްޑީޕީއިން ވަނީ ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންނަށް ވަޒީފާގެ ބިރާއި ވަޒީފާތަކުން ވަކިކުރުން މިހިނދުން މިހިނދަށް ހުއްޓާލުމަށާއި މިހާތަނަށް ވަޒީފާތަކުން ވަކިކޮށްފައިވާ ފަރާތްތައް އަލުން ވަޒީފާ ދިނުމަށް ގޮވާލާފައެވެ.