މާލެ ކައުންސިލުން ހިންގާ ބައެއް ބޮޑެތި މަޝްރޫއުތައް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ނިންމި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އެ ނިންމުން މަޑުޖައްސާލުމަށް އިންތިހާބީ މޭޔަރު އާދަމް އާޒިމް އެދިވަޑައިގެންފިއެވެ.

މިއަދު ބޭއްވި ރަސްމީ ބައްދަލުވުމުގައި ސިޓީ ކައުންސިލުން ވަނީ، ޕާކިން ބިލްޑިން އިމާރާތްކުރުމާއި، މަސް މާރުކޭޓާއި ސަރަހައްދީ މާރުކޭޓު އެއް އިމާރާތަކަށް ބަދަލުކުރުން ހިމެނޭ 100 މިލިއަން ރުފިޔާ އަށް ވުރެ ބޮޑެތި ބައެއް މަޝްރޫއުތައް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމައިފައެވެ.

އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި މިރޭ ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ، ސަރުކާރުން އަމަލުކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް ކަމަށެވެ. އެ ޕޯސްޓުގައި އާޒިމް ދެ ކަމަކަށް ގޮވާލެއްވިއެވެ. އެއީ:

  • ކައުންސިލްގެ މަސައްކަތްތައް 'އަތުލުމަށް' ސަރުކާރުން ކުރާ މަސައްކަތް ހުއްޓާލުމަށް
  • އޭނާ މަގާމާ ހަވާލުވަންދެން ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް

މިއަދުގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމެންޓް މިނިސްޓަރު މުހައްމަދު ޝާހިދު ވަނީ، ކައުންސިލުގެ ދަށުގައިވާ ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރުންނާ ހަވާލުކުރި އިރު އެއްބަސްވެފައިވާ އެއްވެސް ކަމަކަށް ބަދަލު ނުގެނެސް، ކޮންސްޓްރަކްޝަން މިނިސްޓްރީ އާ ވަގުތީގޮތުން އެ މަޝްރޫއުތައް ހަވާލުކުރުމަށް ހުށަހަޅުއްވައިފައެވެ.

އެ ހުށަހެޅުން އޮތް ގޮތަށް ފާސްކުރުމަށް ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވުމުން އެކަމަށް ތާއީދުކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހްމަދު އައިފާނެވެ.

އެހެންވެ އެ ހުށަހެޅުމަށް ޑެޕިއުޓީ މޭޔަރު ނަރީޝް ވޯޓަށް އެއްސެވުމުން، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ދިހަ ކައުންސިލަރުންގެ ތެރެއިން ނުވަ ކައުންސިލަރަކު ވަނީ މި ހުށަހެޅުން ފާސްކުރުމަށް ވޯޓު ދެއްވައިފައެވެ.