ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރި 4،000 ފްލެޓާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ކޮމިޝަނުން ބަލަމުންދާ ތަހުގީގުގެ ބިޑު ބައެއް މިހާރު ނިންމާލެވިފައިވާ ކަމަށެވެ، އަދި މި މައްސަލަ ބަލައި ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށެވެ.

އޭސީސީއިން ބަލަމުންދާ މި މައްސަލަ ތަހުގީގު ކުރުމަށް ހައުސިން މިނިސްޓްރީއިން ވަނީ އެ ކޮމިޝަންނަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ދީފައެވެ. އަދި މި މައްސަލައާ ގުޅޭގޮތުން ތަހުގީގަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ބަޔާންތައް އެ ކޮމިޝަނުން ނަގަމުންދާ ކަމަށް ވެސް އޭސީސީއިން ވަނީ ބުނެފައެވެ.

މި މައްސަލައަކީ ގިނަ ބައެއްގެ މަސްލަހަތާ ގުޅުންހުރި މައްސަލައަކަށް ވުމާއެކު ވީހާވެސް އަވަހަށް މައްސަލަ ތަހުގީގުކޮށް ނިންމުމަށް އެ ކޮމިޝަނުގައި އެކަމަށް ބޭނުން ކުރެވެންހުރި، ފަންނީ އަދި އިންސާނީ ވަސީލަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކޮށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭސީސީއިން ބުނެފައިވެއެވެ.

ފްލެޓްތައް ދޫކުރުން ހުއްޓާލުމަށް މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ އޭސީސީއިން ވަނީ ހައުސިން މިނިސްޓްރީއަށް އަންގާފައެވެ. އަދި އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އޭސީސީގެ މެމްބަރުން ހާޒިރުކުރުމުން އޭސީސީއިން ވަނީ ސްކީމްއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ލިބުނު ޕޮއިންޓް އިތުރުކޮށް ޝަރުތުހަމަނުވާ ފަރާތްތަކަށް ފްލެޓް ދީފައިވާ ކަމަށް ބުނެފައެވެ.

ހައުސިން މިނިސްޓްރީއިން ބުނެފައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި އެ 4،000 ފްލެޓްއާ ގުޅޭ މަސައްކަތްތައް އަލުން ފަށާނީ އޭސީސީއިން އެ މައްސަލަ ބަލާ، އެ މިނިސްޓްރީއަށް ފޮނުވުމުން ކަމަށެވެ.