ދިވެހިން ކަމަށް ބެެލެވޭ 100 އަށް ވުރެ ގިނަ މީހުން ބޭރުގެ އެކިއެކި ގައުމުތަކުގައި އެބަ ތިބި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އޭގެތެރެއިން 90 ދިވެހިންގެ މައުލޫމާތު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދަޅުވެއްޖެއެވެ.

ސީރިއާގައި ތިބި 5 އާއިލާއެއް ރާއްޖެއަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 100 އަށް ވުރެ ގިނަ މީހުން ބޭރުގެ އެކި ގައުމުތަކުގައި ތިބި މައުލޫމާތު ލިބިފައިވާ އިރު އަދި މައުލޫމާތު ކަށަވަރު ކުރެވުނީ 21 މީހުންގެ ކަމަށެވެ. އެ އާއިލާތައް މިއަދު ރާއްޖެ ގެނެސްފައިވާ އިރު ދެން ތިބި މީހުންގެ މައުލޫމާތުތައް ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގަބޫލު ކުރައްވާ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެ ކުއްޖަކަށް ވެސް މިފަދަ ކަމެއް ދިމާވެދާނެ. އެފަދަ ހާލަތެއްގައި އަޅުގަނޑުމެން ވެސް ނޭދޭނެ އަޅުގަނޑުމެންގެ ކުދިން މިގޮތަށް އެކްސްޕޯސް ވެގެން ދާކަށް. އެހެންކަމުން ނެޝަނަލް އިންޓަގްރޭޝަން ސެންޓަރުގެ މަސައްކަތަކީ އެކުދިންގެ ޕްރައިވަސީ ޕްރޮޓެކްޓް ކުރަމުން އެ ކުދިންނަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގަމުން، އެކުދިން އަނބުރާ ދިވެހި މުޖުތަމައުއަށް ޒިންމާދާރު ދިވެހިންގެ ގޮތުގައި ނެރޭވޭނެ ގޮތްތަކެއް ހޯދުން"
މިނިސްޓަރު އަލީ އިހުސާން

މައުލޫމާތުތައް ދެނެގަތުމަށް މަސައްކަތް ކުރާ 90 ފަރާތުގެ މައުލޫމާތު ލިބިފައި ވަނީ ފުލުހަށް ހުށަހަޅާ މައުލޫމާތަކުން ނުވަތަ ބައިނަލްއަގްވާމީ ވުޒަރާއަކުން ދޭ މައުލޫމާތަކުން ކަމަށް މިނިސްޓަރު ފާހަގަ ކުރިއެވެ. އެ މައުލޫމާތުތައް އެއްކޮށް އެމީހުން ތިބި ސަރަހައްދުތައް ވެސް ދެނެގަތުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަން ފާހަގަ ކުރެއްވި ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުން އެ ދިވެހިން ތިބީ ކޮން ސަރަހައްދުތަކެއްގައި ކަން މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.

ހަނގުރާމަތައް ކުރާ ސަރަހައްދުތަކަށް ދާ ދިވެހިން އެ ސަރަހައްދުތަކަށް ދާ ދިއުމުގައި ބޮޑަށް "އަނިޔާ ލިބިފައި ވަނީ" ތުއްތު ކުދިންނަށް ކަމަށާއި، އެ ކުދިންނަކީ އެކުދިންގެ އެއްވެސް ބާރެއް ނެތި އެފަދަ ނުރައްކަލަކަށް ހުށަހެޅިފައިވާ ބައެއް ކަމަށް އިހުސާން ވިދާޅުވިއެވެ. މި ކަންކަމުގައި އެ ކުދިން ރައްކާތެރި ކުރުމަކީ އެންމެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް އިހުސާން ފާހަގަ ކުރެއްވިއެވެ. ތަނަކުން ފެންނަ ލިސްޓެއް ނަގައި އެ ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ ނަތީޖާ އަކީ އެ ފަދަ ތުއްތު ކުދިންތަކަކަށް ދޭން ނުޖެހޭ އެތައް އަނިޔާއެއް ދިނުން ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

މިފަދަ ހާލަތްތަކުން ކުދިން ގެނެސް ރިިހިބިލިޓޭޝަން ސެންޓަރުން އާއިލާތަކާއެކު ކުދިންނަށް ފަރުވާ ދިނުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ އެ ކުދިން ހިމާޔަތް ކުރުން ކަމަށް އިހުސާން ވިދާޅުވިއެވެ. ހަމައެއާއެކު އެކުދިންނަކީ ދިވެހި މުޖުތަމައުއަށް ނެރޭ އިރު ޒިންމާދާރު ދިވެހިން ގޮތުގައި ނެރުމަކީ ވެސް ނެޝަނަލް އިންޓަގްރޭޝަން ސެންޓަރުން އަހައްމިއްޔަތުކަން ދޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެއްވެސް ގައުމެއްގައި ތިބި ދިވެއްސަކު ހާލުގައި އުޅެން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ހާލުގައި އުޅެން ޖެހިއްޖެ ނަމަ ދިވެހި ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް ބޭނުން ކޮށްގެން ވިޔަސް އެ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރު ކޮށް ދިނުމަކީ ރައީސްގެ ވިސްނުންފުޅު ކަމަށާއި އެ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބާރު އަޅުއްވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

މިއަދު ރާއްޖެއަށް ވަނީ ސީރިއާގައި ތިބި 5 އާއިލާއެއްގެ 21 ދިވެހިން ގެނެސްފައެވެ. އޭގެތެރޭގައި ހިމެނެނީ 15 ކުޑަކުދިންނާއި 5 އަންހެނަކާއި 1 ފިރިހެނެކެވެ. އެ ހުރިހާ ކުޑަކުދިންނަކީ ވެސް މި 5 ދިވެހި އަންހެނުން ކުރެ އަންހެނެއްގެ ދަރިންނެވެ. އެ ކުދިންގެ ތެރެއިން އެންމެ ތުއްތު ކުއްޖާގެ އުމުރަކީ 3 އަހަރެވެ. މިހާރު އެ އާއިލާތައް ތިބީ ކ. ހިންމަފުށީގައި ގާއިމްކޮށްފައިވާ ނެޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައެވެ.