ކުޑަ ކުއްޖަކަށް އެ ކުއްޖާގެ މަންމަ އަނިޔާކުރާ މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ރޭ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯއިން ފެންނަ ގޮތުގައި ކުއްޖާއަށް ކާންދޭން އެ ކުއްޖާގެ މަންމަ އިންއިރު އެ ކުއްޖާއާ ދިމާލަށް ބާރަށް ހަޅޭއްލަވާ އަނިޔާ ކުރާ މަންޒަރު ފެނެއެވެ. އެ ކުއްޖާ އަތުގައި އޮތް ފޯނު އަތުލާ އެއްލައިލާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ. އަދި އެ ވީޑިއޯގައި އެ ކުއްޖާ ބާރަށް ރޯ އަޑުވެސް އިވެއެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު ނަމްޒާ "ދަ ޕްރެސް" އަށް ވިދާޅުވީ ކުޑަކުއްޖަކާއި ގުޅުން ހުރި އެ ފަދަ ކޮންމެ މައްސަލައެއްގައި ވެސް ކަމާގުޅުންހުރި މުއައްސަސާތަކާއެކު މި ވުޒާރާއިން މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ.

އެ ވީޑިއޯ ހިއްސާކުރި މީހާ ލިޔެފައިވާ ގޮތުގައި ދަރީގެ އެ މަންމަ އަކީ އަބަދުވެސް ދަރިންނަށް އެކި ކަހަލަ ޖިސްމާނީ އަދި ނަފްސާނީ އަނިޔާދޭ ފަރާތެއް ކަމަށާއި އެ ވީޑިއޯއަކީ ދަރިންނަށް އަނިޔާ ކުރާތީ ހެއްކެއްގެ ގޮތުގައި ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ.

އެ މަންމަގެ ފަރާތުން ދަރިންނަށް އަނިޔާ ކުރުމާއި ދަރިންގެ ބައްޕަގެ ލޮލަށް ދަރިން ނުދައްކާ ފޮރުވައިގެން ގެންގުޅުމާއި ދަރިންގެ ހާލު ބަލަންވެސް ފުރުސަތު ނުދޭތީ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި އެހެންނަމަވެސް މިއަދާއި ހަމައަށް ވެސް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ސްކޫލަށް ނުފޮނުވާ ދަރިންގެ ކިޔެވުމަށް ވެސް އިހުމާލުވެފައިވާ ކަމަށް އެ ވީޑިއޯ ހިއްސާކުރި ފަރާތުން ވަނީ ބުނެފައެވެ.