ގާޒާއަށް ކާބޯތަކެއްޗާ އެކު އެހީގެ ތަކެއްްޗާއެކު ދިޔަ ޓްރަކެއް ކައިރިއަށް އެތައް ހާސް އާންމުންނެއް ގޮސް ތިއްބާ އިޒްރޭލުގެ ސިފައިން އެމީހުން ގެ ގަޔަށް ބަޑި ޖަހައިފިއެވެ.
އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ގާތްގަނޑަކަށް އަށް ލައްކައެއްހާ މީހުން ދަނީ ފުރާނައަށް ނުރައްކާވާ ފަދަ ބަނޑުހައިހޫނުކަމާއި ސާފު ބޯފެން ނުލިބުމާއި ބޭސްފަރުވާ އަދި ޒަރޫރީ އެހެނިހެން އެހީގެ ވަސީލތްތައް ނުލިބި ހާލުގައި އުޅެމުންނެވެ. މިއަދު ސޯޝަލް މިޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަނީ އެހީގެ ޓްރަކެއް ކައިރިއަށް އެތައް ބަޔަކު އެއްވާ މަންޒަރެވެ.
އެ އެހީގެ ޓްރަކަކުން ކާބޯތަކެތި ހޯދުމަށްއެތައް ބަޔަކު އެއްވި ނަމަވެސް އެ ޓްރަކް ކައިރިން ބަޑީގެ އަޑުފައްގަނޑު އިވުމުން އެމީހުން އެ ސަރަހައްދުން ސަލަމާތުގެ އައްސޭރިއަށް ދިއުމަށް ދުއްވައިގަނެއެވެ.
ގާޒާގެ މީހުން ބުނާ ގޮތުގައި އެ ގައުމަށް އިޒްރޭލުން ދމެުންޑާ ހަމަލާއާއެކު އެމީހުންނަށް ކުރިމަތިލާން ޖެހިފައި މި ވަނީ ބަޔާންކުރަން ވެސް ދަތި ފަގީރު ކަަކާއެވެ. ކާން ބޯނެ އެއްޗެއް ނުލިބި ތިބެން ޖެހުމާއި ފިނި މޫސުމުގައި ފިނިން ރައްކާތެރިވުމަށް ވެސް އެތައް ބަޔަކު ނުކުޅެދިފައިވާ ކަމެވެ. އެތައް އާއިލާއެއްގެ ބޯހިޔާވަހިކަން ގެއްލި ގެދޮރު ގެއްލި މަގުމަތިވެފައިވާ އިރު މިއީ ހިތްދަތިކަމުން ފުރިގެންވާ ދިރިއުޅުމެކެވެ.
ގާޒާގެ އެތައް ހާސް ބަޔަކު ކާބޯތަކެތި ޑެލިވަރީ ކުރާ އެހީގެ ޓްރަކަކަށް ޖަމާވެ، ހަމަނުޖެހުން އުފެދުނު މަންޒަރުތައް ފެނިގެން ދިޔައީ އެ ރައްޔިތުންނަށް މާޔޫސް ކަމާއި އެހީ އެމީހުންނަސް ބޭނުންވެފައިވާ މިންވަރެވެ. މި ވަގުތު ގާޒާއަށް ލިބެމުންދާ އެހީއަކީ އަދި އެ ގައުމުގެ ރައްޔިތުންނަށް މަދު މިންވަރެއް ކަމަށް ވެސް ޠުއެން އިން ވަނީ ބުނެފައެވެ.
އެހީގެ ޓްރަކް ކައިރިއަށް ދިޔަ ގާޒާގެ ރައްޔިތުންނަށް ބަޑި ޖެހި ކަމުގެ ހަބަރުތައް ފެތުރެމުން އައި ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކު މަރުވި ކަން އަދި އަނިޔާވި ކަން އެއްވެސް މަސްދަރަކުން ސާފެއް ނުވެއެވެ.