ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ސްރީލަންކާ އަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ، އަސްލަމް ސްރީލަންކާ އަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތީ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދޭނާގެ ދައުވަތަކަށް ކަމަށެވެ.

މި ދަތުރުފުޅުގައި ލަންކާގެ ގާނޫނު ހަދާ މަޖިލީހަށް އަސްލަމް ޒިޔާރަތްކުރައްވައި އެ ތަނުގެ ވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން، ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، ލަންކާގެ ހާރިޖީ ވަޒީރާއި އެ ގައުމުގެ ސަރުކާރުގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް، މަޖިލީހުގެ އިދާރާ އިން ބުންޏެވެ.

އަސްލަމާ އެކު މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމާއި، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒްގެ އިތުރުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއެވެ.

މަޖިލީހުން ބުނީ، މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އަންނަ ހުކުރު ދުވަހު އަސްލަމް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.