އެކްސިޑެންޓްވި ކާރު ދުއްވި ފުލުސް މީހާގެ ލައިސަންސް އޮތް ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ އައްޑޫ ސިޓީ ފޭދޫގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވަނީ 7:15 ގައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ފުލުހަކު ދުއްވި ކާރެއް އެކްސިޑެންޓްވުމުން ސީން ރޫޅާލާގައިވާ ކަމަށާއި ދުއްވާފައިވާ ކާރަކީ ރަޖިސްޓަރީ ނުކޮށް ދުއްވި ކާރެއް ކަމަށް ބުނެ ފަތުރަމުންގެންދާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ.

އެ އެކްސިޑެންޓެއްގައި ހިމެނޭ ކާރާއި ސައިކަލަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ އެއްގޮތަށް ރެޖިސްޓްރީކޮށްގެން ދުއްވާ އުޅަނދު ތަކެއް ކަމަށާއި އެ ދެ އުޅަނދުވެސް ދުއްވާފައިވަނީ އެ ކެޓެގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހުން ކަމަށް ފުލުހުން ވަނީ ބުުނެފައެވެ. އަދި އެ އެކްސިޑެންޓް ހިނގުމުން ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ސީން ޕްރޮސެސްކޮށް އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އެ އެކްސިޑެންޓްގައި ހިމެނޭ ސައިކަލުގައި ތިބި ދެމީހުންގެ ތެރެއިން އެކެއްގެ ބޯފަޅައިގެން ގޮސް ދެވަނަ މީހާއަސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް ބުނެފައެވެ. އަދި އެ އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އުމުރުން 37 އަހަރުގެ އަންހެނަކާއި އުމުރުން 19 އަހަރުގެ އަންހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ އެ ދެ މީހުންނަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަތުވާ ދެމުން ކަމަށާއި އަނިޔާވި ދެ މީހުންވެސް ސްޓޭބަލް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށެވެ.