މި ސަރުކާރުން އެދޭ ގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުން އަވަސް ކުރަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން އިންޑިއާގެ މަތީ ފެންވަރުގެ ބޭފުޅުންނާއި ދިވެހި ސަރުކާރުގެ އިސް ބޭފުޅުންނާ އެކު މިއަދު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނީ މިއަދު ބޭއްވި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުންތަކާމެދު މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ގިނަ ކަންތައްތަކުގެ އިތުރުން ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުނު ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.
މީގެއިތުރުން އިންޑިއާގެ މަތީ ފެންވަރުގެ ބޭފުޅުންނާއި ދިވެހި ސަރުކާރުގެ އިސްވެރިންގެ 2 ވަނަ ބައްދަލުވުމެއް ދެ ގައުމުން އެއްބަސްވާ، ތާރީހެއްގައި ބޭއްވުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި އިންޑިއާގެ ސަފީރާއި ޖޮއިންޓް ސެކެޓްރީގެ އިތުރުން އިންޑިއާއިން ވަޑައިގެން އުޅުއްވާ އެހެނިހެން ބައެއް އިސް ފަރާތްތަކުގެ އިތުރުން ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ރައީސް އޮފީހުގެ އިސް ފަރާތްތައް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ފުރަތަމަ ދުވަހުގެ ވައުދުތަކުގެ ގޮތުގައި ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމަށް ކުރަން ޖެހޭ މަސައްކަތްތައް ފެށުން ވަނީ ހިމަނާފައެވެ.