މަދުވެގެން ދެލައްކަ ރައްޔިތުންނަށް ލިބޭ ވަރަށް އުތުރުތިލަފަޅުގައި ދަނޑުވެރިކަމަށް ހާއްސަ މަޝްރޫއެއް ކުރިއަށްގެންދަން ރާއްޖެއާއި ޗައިނާ ސަރުކާރާ ދެމެދު މަޝްވަރާކޮށްފިއެވެ.

ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، ކާބޯތަކެތި ދަތިނުވެ ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ފުޑް ސެކިއުރިޓީ ގާއިމްކުރުމަށްޓަކައި ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން މުއިއްޒު ވިދާޅުވީ އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ހާއްސަ މަޝްރޫއެއް ކުރިއަށް ގެންދިއުމަށްވެސް ޗައިނާ ސަރުކާރާއެކު މަޝްވަރާކުރެއްވި ކަމަށާއި އެ މަޝްރޫއުގައި ރާއްޖޭގައި އާންމުކޮށް ހައްދާ ދަނޑުވެރިކަމުގެ ހުރިހާ ބާވަތެއް، މަދުވެގެން ދެލައްކަ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ހެއްދޭނެ އެގްރިކަލްޗާ އެސްޓޭބްލިޝްމެންޓެއް ގާއިމްކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ހަނޑޫ، ހަކުރު، ފުށް އެތެރެކުރުން ވަކި ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި ތުރުކީވިލާތުން އެތަކެތި ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ ބުދަ ދުވަހު ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.