ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްކަން ފާހަގަ ކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސްއަށް ތައުރީފް ކުރައްވައިފިއެވެ.

ގާސިމް މިއަދު އެކްސްގައި ހިއްސާ ކުރެއްވު ޕޯސްްޓެއްގައި ވިދާޅުވީ، ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ރައީސް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅަކީ މިހާތަނަށް ރާއްޖޭގެ އެއްވެސް ވެރިޔަކު ކުރައްވާފައި ނުވާ ފަދަ ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ.

އަދި ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް މިއީ މިނިވަން މުސްތަގިއްލު ގައުމެއް ކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރުގެ ބޮޑު ގްރާންޓެއް ލިބުމުގެ އިތުރުން އެތައް ބިލިއަން މަޝްރޫއުތަކެއްގައި އެއްބަސަވެވުނުކަމީ ރައީސްގެ ދަތުރުފުޅުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މި ދަތުރުފުޅުގެ ސަބަބުން ގައުމަށް ރައީސް ހޯދައިދެއްވި އެހީތެރިކަމާއި، ގައުމަށް ލިބިގެންދިޔަ ކުރިއެރުންތަކަށްޓަކައި ގާސިމް ވަނީ ރައީސް އަށް ޝުކުރު އަދާ ކުރައްވާފައެވެ.

ގާސިމް އިތުރަށް ވިދާޅުވީ، ރާއްޖެ އިން ޗައިނާ އަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ބޮޑެތި ލުއިތަކެއް ހަމަޖެހިގެންދާނެ ކަމުގެ އުފާވެރި ހަބަރު ދިވެހީންނަށް ދެއްވެވީތީ އެކަމާ އުފާކުރައްވާ ކަމަށެވެ.

"މި ދަތުރުފުޅުގައި ޗައިނާއިން ދިވެހިރާއްޖޭގެ ރައީސް އަށް ކިޔުއްވާފައިވާ މަރުހަބާ އަކީ މިހާތަނަށް ރާއްޖޭގެ ވެރިޔަކަށް ޗައިނާގައި އަރިސްކޮށްފައިވާ އެންމެ ހޫނު މަރުހަބާ ކަމުގައި އަޅުގަނޑު ފާހަގަކުރަން،" ގާސިމް ވިދާޅުވި އެވެ.

އަދި މިދަތުރު ފުޅުގައި ޗައިނާއިން ދިވެހިރާއްޖޭގެ ރައީސް އަށް ކިޔުއްވާފައިވާ މަރުހަބާ އަކީ މިހާތަނަށް ދިވެހިރާއްޖޭގެ ވެރިޔަކަށް ޗައިނާގައި އަރިސްކޮށްފައިވާ އެންމެ ހޫނު މަރުހަބާ ކަމަށް ގާސިމް ވަނީ ފާހަގަ ކުރައްވާފައެވެ.